ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއިން ވަކިވެވަޑައިގެންފިއެވެ.
ރައީސް މައުމޫނުގެ ދެކަނބަލުން މިއަދު ވަނީ ޕީޕީއެމުން ވަކިވުމަށް އެދި އެޕާޓީގެ ރަޖިސްޓްރާއަށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި މައުމޫން ވިދާޅުވީ، 16 އޮކްޓޯބަރ 2016 އިން ފެށިގެން އެޕާޓީ ހިންގަމުންދަނީ އެޕާޓީގެ އަސާސީ ޤަވާޢިދާ ޚިލާފަށް ކަމަށެވެ. އަދި މިއަދާ ހަމައަށް ގިނަ ކަމެއް އަސާސީ ޤަވާއިދާ ޚިލާފަށް ގޮސްފައިވާކަން ފާހަގަކޮށް މަޢުމޫން ވިދާޅުވީ، އެޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް މިމުއްދަތުގެ ތެރޭގައި މައުމޫން އެޕާޓީއިން ވަކިކޮށްފައިވާކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ޕީޕީއެމްއިން އެމަނިކުފާނު ވަކިކުރުމަށް ބުނެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ޢިޖުރާޢަތްތަކާއި ޚިލާފަށް ކަމުން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށް އެމަނިކުފާނު ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
ރައީސް މަޢުމޫން ވިދާޅުވީ ދިވެހި ލޮބުވެތި ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީ ހޯދައިދިނުމުގެ މަޤްސަދުގައި އެމަނިކުފާނު އިސްވެހުރެ އުފެއްދި ޕާޓީގެ މަޤްސަދުތައް މިއަދު ހާސިލްކުރެވެމުން ނުދާ ކަމަށެވެ. އަދި ޕާޓީގެ އެންމެހާ ކަންކަން ކުރިއަށްގެންދަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އަދި ޕީޕީއެމްގެ އަސާސީ ޤަވައިދާވެސް ޚިލާފަށް ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ގެއްލުންހުރި އެންމެހާ ކަންކަމުން ދުރުވެގަތުމަކީ ލިބޭ އުފަލެއް ކަމަށް ރައީސް މަޢުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
އަދި ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވެ ޕާޓީ އުފެއްދި މަޤްސަދު ޙާސިލް ނުވާތީ ޕާޓީން ވަކިވުމަށް ނިންމާފައިވާ ކަމަށްވެސް މައުމޫންގެ ސިޓީގައި ވިދާޅުވިއެވެ.
ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެން އުފެއްދި ޕީޕީއެމުން އެ ދެކަނބަލުން ވަކިވިއިރު، ސަރުކާރުގައި ތިއްބެވި ރައީސް މައުމޫނަށް ތާއީދުކުރާ ތިން މިނިސްޓަރަކުވެސް ވަނީ ޕީޕީއެމްގެ ދަފްތަރުން ވަކިވުމަށް ސިޓީ ފޮނުވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ މެންބަރުންވެސް އަންނަނީ ޕީޕީއެމުން ވަކިވުމަށް އެދި ސިޓީ ފޮނުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް