މަނީ ލޯންޑަރިންގް ގެ މައްސަލައެއްގައި ޔާމީނާއި އަޒިމާ އަށް ދައުވާ ކުރަނީ

މަނީ ލޯންޑްރިން ކުރެއްވި ކަމަށް ތުހުމަތުވާ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ވަކީލްކަން ކުރައްވާ އާޒިމާ ޝުކޫރައަށް ދައުވާކުރަން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލް...

06 Feb 2019 | 17:23

މަނީ ލޯންޑްރިން ކުރެއްވި ކަމަށް ތުހުމަތުވާ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ވަކީލްކަން ކުރައްވާ އާޒިމާ ޝުކޫރައަށް ދައުވާކުރަން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމަށް ފޮނުވާފައިވަނީ މަނީ ލޯންޑަރކުރުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. އަދި އެކަމުގައި ރައީސް ޔާމީނަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީ އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ދައުވާ އާޒިމާގެ މައްޗަށް ކޮށްދިނުމަށް އެދިފައިވާކަމަށެވެ.

މީގެކުރިން މައްސަލާގެ ތަހުގީގަށް ދެތިން ފަހަރަކު ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އަދި އާޒިމާ ވެސް ތަހުގީގަށް ސުވާލުކުރުމަށް ފުލުހުން އެއް ފަހަރަށްވުރެ ގިނައިން ހާޒިރުކޮށްފައިވެ އެވެ.

ފުލުހުން ބުނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ޤާނޫނާއި ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވި ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން، ދަޢުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީން ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެފައިސާ ލޯންޑަރކޮށް، އެފައިސާއާއި ގުޅޭގޮތުން ދަޢުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަޙުގީނާއި ގުޅިގެން ހިންގި މުޢާމަލާތްތަކުގައި ދަޢުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު ފުރިހަމަ ކުރުމަށްފަހު މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާ ކަމުގައެވެ.

ފުލުހުން ބުނީ މިމައްސަލައިގައި މަނީ ލޯންޑަރކުރުމާއި ދަޢުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ރައީސް ޔާމީންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވާއިރު، މަނީލޯންޑަރކުރުމުގައި ރައީސް ޔާމީނާއި ބައިވެރިވެ އެހީތެރިވެ ދިނުމާއި ދަޢުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުޙުމަތުގައި އާޒިމާ ގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވާ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް