މަކުނުދޫ އަދި ވައިކަރަދޫ ދާއިރާ އަދާލަތަށް ނުދޭ ގޮތަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން މަކުނުދޫ ދާއިރާއަށާއި ވައިކަރަދޫ ދާއިރާއަށް ޓިކެޓް ލިބުނު ކެންޑިޑޭޓުންނާއި ކެމްޕޭން ޓީމް ތަކުން އެދެ ދާއިރާ އަދާލަތު ޕާޓީއަށް ދޫކޮށްލަން އ...

06 Feb 2019 | 05:46

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން މަކުނުދޫ ދާއިރާއަށާއި ވައިކަރަދޫ ދާއިރާއަށް ޓިކެޓް ލިބުނު ކެންޑިޑޭޓުންނާއި ކެމްޕޭން ޓީމް ތަކުން އެދެ ދާއިރާ އަދާލަތު ޕާޓީއަށް ދޫކޮށްލަން އެއްބަހެއް ނުވިއެވެ.

އެމްޑީޕީން އަދާލާތު ޕާޓީއަށް ފަސް ގޮނޑި ދޭން މަޝްވަރާ ކޮށްފައިވަނީ އަންގާރަ ދުވަހު މާބްލް ހޮޓެލްގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގައެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު ވަނީ ރޭ އެމްޑީޕީ އޮފީހުގައި މަކުނުދޫ އަދި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުންނާއި އެ ދެ ކެނޑިޑޭޓުންގެ ކެންޕޭން ޓީމާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ދެ ދާއިރާގެ ރައްޔިތުންނާ ވާހަކަ ފުޅު ދައްކަވަމުން ނަޝީދު ވަނީ އެ ދެ ދާއިރާގެ ގޮނޑި އަދާލަތަށް ދޫކޮށްލި ނަމަވެސް އެއްވެސް ވަރަކަށް މާޔޫސްވާން ނުޖެހޭނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އަދި ގޮނޑި ދޫކޮށްލާނީ އެ ކެންޑިޑޭޓަކު ބޭނުންވާނަމަ ކަމަށާއި ވަރަށް ރަނގަޅަށް ވިސްނާލުން ރަނގަޅު ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ދާއިރާތަކުގެ ކެންޕޭން ޓީމު ތަކުން ވަނީ އިންތިހާ އަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވައިކަރަދޫ ދާއިރާގެ މީހެއް ބުނިގޮތުގައި، އެދާއިރާގެ ގޮނޑި އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވި ހުސެން ޒިޔާދަށް ވަރަށް ޔަގީން ކަމަށެވެ. އަދި އެހެން ޕާޓީއަކަށް އެގޮނޑި ދޫކޮށްލާފައި ރިސްކެއް ނަގައި ސަބަބާއި މެދުވެސް ވަނީ ސުވާލު އުފައްދާފައެވެ. މިނިމިދިޔަ ދައުރުގައިވެސް ވައިކަރަދޫ ދާއިރާގެ ގޮނޑި ފުރުއްވާފައިވަނީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި، ނަމަވެސް ޕީޕީއެމްގެ ވެރިކަމެއް އޭރު އޮތުމުން އެދާއިރާގެ ތަރައްގީއަށް މާބޮޑު ކަމެއް ކުރެވިފައި ނުވާ ކަމަށެވެ.

އެމްޑީޕީ ޕްރައިމަރީ ޓިކެޓް ބޮޑު އަގުލަބިއްޔަތަކުން މަކުނުދޫ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ބުނީ، ގޮނޑި ދޫކޮށްލަން ބޭނުން ނުވާ ކަމަށާއި ޓިކެޓް ހޯދީ ގިނަ ބައެއްގެ ވޯޓާއެކީ ކަމަށެވެ. އަދި އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މަކުނުދޫ ދާއިރާގެ މީހުން ވެސް ވަނީ މިހާރު ދާއިރާގެ މެންބަރު އަނާރާ ނައީމަށް ގޮނޑި ދޫކޮށްލަން ބޭނުން ނުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީން އަދާލަތަށް ފަސް ދާއިރާއެއް ދިނުމަށް މަޝްވަރާ ކުރެވިފައިވާއިރު، ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނާއި ރޭ ވަކިން ބައްދަލު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް