ބަނގުރަލާއެކު ބަޔަކު ހައްޔަރުކުރި އިރު އެމީހުންގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖަކީ އާއިލާއަށް ފިލައިގެން އުޅޭ ކުއްޖެއް ކަމަށާއި މިހާރު އެ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:30 ހާއިރު ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލުކުރަމުންދިޔައިރު ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ފުޅިއަކާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
"މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ސްރީލަންކާ މީހަކާއި 18 އަހަރުގެ ދިވެހި އަންހެނަކާއި 17 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
އެ ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވާކަމަށާއި މި މައްސަލާއި ގުޅިގެން ހައްޔަރުކޮށްފައިވާ ބިދޭސީމީހާ ދިރިއުޅޭތަން ބަލައި ފާސްކޮށް ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސަމާނުތަކެއް ހޯދާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް