އެއް މިލިޔަން ޑޮލަރު ހަވާލުކުރާކަށް ނުޖެހޭނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ހަތަރު ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުސް އޮފީހުގައި ސުވާލުކޮށްފައިވާއިރު ސުވާލު ކޮށްފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް...

06 Jan 2019 | 14:08

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ހަތަރު ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުސް އޮފީހުގައި ސުވާލުކޮށްފައިވާއިރު ސުވާލު ކޮށްފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިޔަން ޑޮލަރުގެ މައްސަލައިގާ ކަމަށާއި އެ އެއްމިލަން ޑޮލަރު އޭސީސީއަށް ހަވާލުކުރަން ނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުހުން މިއަދު ސުވާލު ކޮށްފައިވަނީ އޭސީސީ އިން ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށާއި އެ މައްސަލައަކީ އޭސީސީއަށް ހަވާލުކުރި ފައިސާ އަކީ އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ނޫންކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެ އެއް މިލިޔަން ޑޮލަރު ރައީސް ޔާމީން އޭސީސީއާއި ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ޗެކަކުންނެވެ. އޭސީސީން ބުނެފައިވާގޮތުގައި އެހެންކަމުން އެމްއެމްޕީއާރުސީގެ ފައިސާ އަދިވެސް ހުންނާނެ ކަމަށް ބެލެވެނީ ރައީސް ޔާމީންގެ އެކައުންޓްގައެވެ.

ނޫސްވެރިންނަސް މައުލޫމާތު ދެއްވަމުން ރައީސް ޔާމިން މިއަދު ވިދާޅުވީ އެ އެއް މިލިޔަން ޑޮލަރަކީ ކޮންމެހެން އޭސީސީއާއި ހަވާލުކުރަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ. ނަމަވެސް އޭސީސީގެ އެންގުމަށް އެ ފައިސާ ހަވާލުކޮށްފައިވާނެކަމަށެވެ. މީގެ އިތުރުން އެސްއޯއެފްގެ ހުރިހާ ފައިސާ އަކީ އެމްއެމްޕީއާރުސީގެ ފައިސާއަށްވެސް ނުވެދާނެ ކަމަށާއި އެހެންކަމުން އެސްއޯއެފް އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އަނބުރާ ދޭން ނުޖެހޭނެކަމުގައިވެސް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެސްއޯއެފް އެކައުންޓުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާކަން ސާބިތު ނުވާކަމަށެވެ. އެ ފައިސާއަކީ ޖާއިޒް ފައިސާކަން ސާބިތުކޮށްދޭން ޖެހޭ ވަގުތު ޖެހުމުން އެކަން ކުރައްވާނެ ކަމުގައިވެސް މިއަދު ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް