ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާރޓީ، އެމްޑީޕީ އިން، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެނޑިޑޭޓުންހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީ މި މަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން، މަޖިލިސް 19 އިންތިހާބު ރާވާ ހިންގާ ކޮމިޓީގެ މެންބަރު، އިބްރާހިމް ވަހީދު ވިދާޅުވީ އެމްޑީޕީއިން 86 ދާއިރާކށް ކުރިމަތި ލާއިރު، ޕްރައިމްރީ ބާއްވަނީ 77 ދާއިރާއެއްގައި ކަމަށެވެ. އަދި އެންމެ ބޭފުޅަކު ވާދަކުރައްވާތީ ޕްރައިމަރީ އަކާ ނުލައި، ނުވަ ދާއިރާ އަކަށް ޓިކެޓު ދީފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
ޕްރައިމަރީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެދުވަހު ވޯޓުލުން ކުރިޔަށް ދާނީ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ކަމަށާއި، 8:00 އާއި ހަމަޔަށް ކިޔޫގައި ތިއްބަވާ ފަރާތްތައް ނިމެންދެން ވޯޓުލުން ކުރިޔަށް ގެންދާނެކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވިއެވެ.
ޕްރައިމަރީގެ ވޯޓު ލުމުގެ ކަންކަން ކުރިއަށް ދާނީ ހުރިހާ ރަށެއްގެ ވެސް އެމްޑީޕީ ހަރުގެ ތަކުގައި ކަމަށާއި، ހަރުގެ ނުހުންނަ ރަށްރަށުގައި އިޖުތިމާއީ މަރުކަޒު ފަދަ ތަނެއްގައި، ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު ވޯޓުލުމުގެ ކަންތައްތައް ކުރިޔަށް ގެންދަވަން ހަމަޖެހިފައިވާ ތަންތަން ވޯޓުލުމުގެ ހަފްތާއެއްހާ ދުވަސް ކުރިން އިއުލާން ކުރާނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
މަޖިލިސް 19 ގައި އެމްޑީޕީގެ ޓިކެޓުގައި 86 ދާއިރާއަށް ކުރިމަތިލުމަށްޓަކައި 280 ފަރާތަކުން ވާދަކުރައްވާ ކަމަށާއި، އޭގެ ތެރެއިން ހަތަރު ބޭފުޅެއްގެ ނަން އަނބުރާ ނަންގަވާފައިކަމަށް ވަހީދު ވިދާޅުވިއެވެ. އެންމެ ގިނައިން ޕްރައިމަރީއަށް ވާދަކުރައްވާފައި ވަނީ ވިލިމާލެ ދާއިރާއަށް ކަމަށާއި އެގޮތުން އެދާއިރާއަށް ނުވަ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް