މިއަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވޯޓު ގުނާާ ނިމޭއިރު ޓީވީ ސްކްރީނުގައި ހުރިހާ ގޮނޑިތަކެއް ރީނދޫ ވާނެ ކަމުގައި އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބަށް އެމްޑީޕީ ޓިކެޓް ހޯއްދެވުމަށް، އެމްޑީޕީގެ ޕްރިމަރީގައި ވާދަކުރައްވާ ހުސެއިން ޝަމީމްގެ ކެންޕެއިން ޖަލްސާ އެއްގައި ނަޝީދު ވިދާޅުވީ، މިފަހަރު ތަފާތު ވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި 60 އިންސައްތަ ލިބޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި، އަދި އޭޕްރީލް މަހުގެ ހަވަނަ ދުވަހު އަނެއްކާވެސް ވޯޓް ގުނާ ނިމޭއިރު، ޓީވީ ސްކްރީންގައި ހުރިހާ ގޮނޑިތަކެއް ރީނދޫ ވާނެކަމަށެވެ. އިތުރަށް ނަޝީދު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން އަހަރުގެ މަޖިލިސް އިންތިހާބުގައި ވެސް އެމްޑީޕީން ބައިވެރިވި ނަމަވެސް ކާމިޔާބު ނުކުރެވޭ ކަމަށާއި، އަދި އެހެންނަމަވެސް މިފަހަރު 60 އިންސައްތަ ވޯޓުން ކާމިޔާބު ކުރާނެ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީ އަށް މަޖިލިސްގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ދެން ވާނެ ގޮތެއް ރައްޔިތުންނަށް ވަަރަށް ރަނގަޅަށް އެނގި ލައްވާނެ ކަމަށެވެ. އަދި، ރައްޔިތުން އެމްޑީޕީ އަށް ވޯޓް ދޭނީ އެސަބަބަށްޓަކައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މި މަޖިލިސް އިންތިހާބަށް ފަހު ސިޔާސީ ޕާޓީއެއްގެ ބޭނުމަކީ ކޮބައިކަމާއި، މިވެރިކަމުގައި ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލުތައްވެސް ފެނިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުގެ ވައުދު ތަކަކީ ރަނުން ރަނަށް އަދި އަކުރުން އަކުރަށް ފުއްދައްއި ދެވޭނެ ވައުދުތަކެއް ކަމަށެވެ. އެމްޑީޕީގެ ވައުދުތަކަކީ ބަލައި ހޯދައި މިނެ ކިރައި ހިސާބު ޖަހާފައި ރައްޔިތުންނަށް ވީ ވައުދުތަކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްްޑީޕީ އަކީ، ޖަޒީރާ ރާއްޖެއަކަށް ރާއްޖެ ހެދުމަށް ފަރިތަ ވެފައިވާ ސިޔާސީ ޕާޓީ އެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ރަނގަޅު ގޮތުގައި ކުރުމަށާއި ދައުލަތް ރަނގަޅަށް އޮތުމަށް ވެސް ރައްޔިތުންގެ މަޖިލިސް ރަނގަޅުވާން ޖެހޭނެ ކަމަށް ވިދާޅުވަމުން ނަޝީދު މިސާލަކަށް ނެންގެވީ އަވަށްޓެރި ސްރީ ލަންކާ އެވެ. އެގޮތުން އެ ގައުމުގައި އެންމެ ފަހުން އުފެދުނު ސިޔާސީ ގަޑުބަޑު ނިމިގެން ދިޔައީ ޕާލަމެންޓްގެ ސްޕީކަރު އަމަލު ކުރެއްވި ގޮތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެން ދާނި ގާނޫނީ ދައުލަތެއް ހިންގުމަށް ބާރު އަޅައިދޭ މަޖިލީހަކަށް ކަމަށާއި، އަދި މުޅި ރާއްޖޭން ވެސް ބޭނުންވަނީ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ދިނުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް