ރޯހިތް ޝެޓީ ޑައިރެކްޓު ކޮށްފައިވާ ފިލްމު "ސިމްބާ އަށް ކުރިޔަށް އޮތް ހަފްތާ އަކީ މާ ރަނގަޅު ހަފްތާއަކަށް ވާ ގޮތް ވެއްޖެ އެވެ.
ފިލްމު މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިލީޒް ކޮށްގެން މިދިޔަ ހުކުރު ދުވަހާއި ހަމައަށް ފިލްމަށް އާމްދަނީގެ ގޮތުގައި ހަމައެކަނި އިންޑިއާއިން 150 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. އެހެންވެ ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އަންނަ ހުކުރު ދުވަސް އަންނައިރު 250 ކްރޯޑް ރުޕީސްގެ އާމްދަނީއެއް "ސިމްބާ" އިން ހޯދާނެ ކަމަށެވެ.
އެއް ހަފްތާ ތެރޭ ހޯދި އާމްދަނީ ދެވަނަ ހަފްތާގައި ދެމެހެއްޓުމަކީ ކިތަންމެ މޮޅު ފިލްމަކަށްވެސް އާންމުކޮށް ކުރެވޭ ކަމެއް ނޫނެވެ. އެކަމަކު ރަންވީރު ސިންގ ލީޑްރޯލުން ފެނިގެންދާ މި ފިލްމަށް ލައްވާލީ މާބޮޑު ނަސީބެކެވެ. އެއީ މިދިޔަ ހުކުރު ދުވަހު މާ ވަރުގަދަ ފިލްމެއް ރިލީޒް ވެފައި ނުވުމެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމުތަކުގެ ތެރޭގައި މަޝްހޫރު ވަރުގަދަ ތަރިން ފެނިގެންދާ ފިލްމެއް ރިލީޒްވެފައެއް ނުވެ އެވެ. އެހެންވެ "ސިމްބާ" ބަލަން ސިނަމާތަކަށް ވަންނަން ޓިކެޓް ނަގާ މީހުންގެ އަދަދަކަށް އެއްވެސް ބަދަލެއް އަދި ނާދެ އެވެ. މީގެ އިތުރުން ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހަސް ޓިކެޓް ބުކް ކުރާ މީހުންގެ އަދަދުވެސް ކުޑަކޮށްވެސް ދަށްވެފައި ނުވާކަމަށް ވެ އެވެ.
"ސިމްބާ" އަކީ މިހާތަނަށް ރިލީޒް ކުރި ރަންވީރުގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމެވެ. އެގޮތުން ރިލީޒް ކުރި ފުރަތަމަ ދުވަހު އިންޑިއާއިން އެކަނި "ސިމްބާ" އަށް 20.72 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ ވެއެވެ.
ރަންވީރުގެ އިތުރުން މި ފިލްމުގައި ސާރާ އަލީ ހާން އާއި ސޯނޫ ސުއޫދު މުހިންމު ރޯލުތަކުން ފެނިގެންދެ އެވެ. އެކަމަކު ސާރާގެ ރޯލު މުހިންމުނަމަވެސް ފިލްމުގައި އޭނާގެ ރޯލު މާ ގިނައިން ފެނިގެން ނުދާކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސާރާގެ ކެރެކްޓާ އަކީ އެ ފިލްމުގައި ހިމެނޭ ބައެއް ނޫނެވެ. އޭނާ ފިލްމުގައި ބައިވެރިކޮށް ބައެއް ހިމެނީ ސާރާ އެ ފިލްމުގައި ބައިވެރިވާން ބޭނުންވެގެން އަމިއްލައަށް ޑައިރެކްޓަރަށް މެސެޖުކޮށް އާދޭސް ކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް