ޔާމީން އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމަ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ. ޕީޕީއެމްއިން ބުނީ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު ފަހު 1:30 އަށް ކަމަށެ...

05 Jan 2019 | 19:19

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމަ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

ޕީޕީއެމްއިން ބުނީ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު ފަހު 1:30 އަށް ކަމަށެވެ. ކުރީގެ ރައީސް ޔާމީން މާދަމާ ހާޒިރު ކުރަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑެރިންގެ މައްސަލައިގެ ތަހުގީގަށެވެ. މި މައްސަލައިގަ މިދިޔަ ޑިސެންބަރު 15 ދުވަހުވެސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަނީ ލޯންޑެރިންގެ މައްސަލައިގެ އިތުރުން އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަކަށް އެސްއޯފް ކުންފުނިން ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެ ދައުލަތުގެ އިދާރާތަކަށް އޮޅުވާލި ކަމަށް ބުނާ މައްސަލައެއްވެސް ދަނީ ބަލަމުންނެވެ.

މަނީ ލޯންޑެރިންގެ މައްސަލައިގެ ގޮތުގައި ބަލަމުންދަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާތަކެއް ޖަމާވި މައްސަލަ އެކެވެ. މި މައްސަލަ ފެންމަތި ކުރީ އިނގިރޭސި ނޫސް އެޖެންސީ، އަލްޖަޒީރާއިންނެވެ. އެ އެޖެންސީން އޭރު ބުނެފައިވަނީ އިންތިހާބާއި ވަރަށް ގާތްވެފައި ވަނިކޮށް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ދެ ފަހަރެއްގެ މަތިން 1.5 މިލިއަން ޑޮލަރު (22.5 މިލިއަން ރުފިޔާ)  އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އަލްޖަޒީރާއިން އެ މައުލޫމާތު ހޯދީ މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކަން އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒުގެ ސަމާލު ކަމަށް ގެނެސް ތަހުގީގު ކޮށްދިނުމަށް އެދި ފޮނުވި ސިޓީ އަކުން ކަމަށް ބުނެފައިވެ އެވެ. އެ ސިޓީގައިވާގޮތުން އެ ފައިސާ އެކައުންޓުން ނަގާފައި ވަނީ ނަގުދު ފައިސާގެ ގޮތުގައި އެވެ.

އޭސީސީއަށް ފައިސާ ހަވާލު ކުރި ކަމަށްބުނެ އޮޅުވާލިކަމަށް ބުނާ މައްސަލައިގަ އެމަނިކުފާނުގެ ސަރުކާރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި އެވެ.

ބައެއް ފަރާތްތަކުން މީސް މީޑީއާގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ފަހު ހައްޔަރު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް