ގެވެށި އަނިޔާގެ މައްސަލަތައް ބެލުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮން ޖެހުމަކީ އަނިޔާ ލިބޭ ފަރާތައް ރައްކާތެރިކަމުގެ އަމުރު ލިބުމުގައި ގިނަ ވަގުތު ހޭދަ ވާތީ ކަމުގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރު ޒިފްލީނާ މިހެން ވިދާޅުވީ ކޮމްބޭޓިންގ ޑޮމެސްޓިކް ވައިލެންސް އެންޑް ޖެންޑަރ ބޭސްޑް ވައިލެންސް ޓްރެއިނިންގ އޮފް ޓްރެއިނާސް އެންޑް ވަރކިން ސެޝަން ގެ ނަމުގައި ފަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
ރާއްޖޭގަައި ގެވެށި އަނިޔާގެ މައްސަލަތަކަކީ ޤާނޫނީ ކުށެއްކަން ފާހަގަ ކުރައްވާ ޒިފްލީނާ ވިދާޅުވީ އެފަދަ ކަންކަމަކީ އިންސާނީ ހައްޤުތަަކަށް ފުށު އަރާ ދަށު ދަރަޖައިގެ ކަމެއްކަމުގައެވެ.
އެގޮތުން ޒިފްލީނާ ފާހަގަ ކުރެއްވީ އެ މިނިސްޓްރީއަށް ހުށައެޅޭ ގެވެށި އަނިޔާގެ މައްސަލަތަކުގައި މަސައްކަތް ކުރާއިރު ކްލައިންޓުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްކާތެރިކުރުމުގެ އަމުރު ލިބުމުގަ އާއި ވަރިވުމަށް އެދޭ ހާލަތުގައި އެކަންތައް ދިގުދެމިގެން ދިޔުންކަމުގައެވެ.
އެހެންކަމުން މިކަމުގެ ސަބަބުން އަނިޔާވެރިކަމުގެ ތެރޭގައި އުޅުމަށް މަޖުބޫރުވެގެން ދާކަމަށާއި ގެވެށި އަނިޔާ މާނަކުރުމުގައިވެސް ފުށު އެރުންތައް އުޅޭކަމުގެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ޤާނޫނު ތަންފީޒްކޮށް އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމުގައި ކޭސް ވޯކަރުންގެ ދައުރު ބޮޑުކަމަށާއި ރައްކާތެރިކަމުގެ ޕްލޭންތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް ތަންފީޒްކޮށް އަވަހަށް ހޯދަން ޖެހޭކަމުގައި އޭނާ ވިދާޅުވިއެވެ.
މިއީ ގެވެށި އަނިޔާގެ މައްސަލަތައް ބެލުމުގައި ހަރަކާތްތެރިވާ ކޭސް ވޯކަރުން އަމާޒުކޮށްގެންގެން ކޭސް ވޯކަރުންގެ ތަމްރީނާއި ތަޢުލީމާއި ހުނަރު އިތުރު ކުރުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެފަދަ މައްސަލަ ތަކުގައި ހަރަކާތްތެރިވާ 19 މުވައްޒަފުން ބައިވެރިވެއެވެ.
ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް ރައްކާތެރިކަން އަވަހަށް ފޯރު ކޮށްދެވޭނެ އިންތިޒާމްތައް ތަރުތީބު ކުރުމަކީ ވެސް މި ޕްރޮގްރާމްގެ އަމާޒެކެވެ.
މިއީ ޖެންޑާ މިނިސްޓްރީ އާއި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން މިއަދުން ފެށިގެން މި މަހުގެ ނުވަ ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް