ޓައިވާން މައްސަލައިގަ ލިތުއޭނިއާގެ އުފެއްދުންތައް ޗައިނާއަށް އެތެރެ ކުރަން ހުރަސް އަޅަނީ

ލިތުއޭނިއާގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓު ކުރުމަށް ހުރަސް އަޅަމުންދާ ކަމަށް ލިތުއޭނިއާ ސަރުކާރުން ބުނެފި އެވެ. ދެ ގައުމުގެ ގުޅުން ގޯސްވީ ޓައިވާންގެ އެމްބަސީއެއް ލިތުއޭނިއާގައި ހުޅުވަން ހުއްދަ ...

05 Dec 2021 | 13:34

ލިތުއޭނިއާގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓު ކުރުމަށް ހުރަސް އަޅަމުންދާ ކަމަށް ލިތުއޭނިއާ ސަރުކާރުން ބުނެފި އެވެ.

ދެ ގައުމުގެ ގުޅުން ގޯސްވީ ޓައިވާންގެ އެމްބަސީއެއް ލިތުއޭނިއާގައި ހުޅުވަން ހުއްދަ ދިނުމުންނެވެ. ޗައިނާއިން ބުނަމުންދަނީ ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެއް ކަމަށާއި ޓައިވާން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ޓައިވާނާއި އެއްކޮޅަށް މަސައްކަތް ކުރާ ހުރިހާ ގައުމަކަށް އެ ގައުމުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޗައިނާގެ އިންޒާރަށް ބެލުމެއް ނެތި ލިތުއޭނިއާގައި އެމްބަސީ ހުޅުވުމުގެ ހުއްދަ ދިނުމުން އެ ގައުމުން ވަނީ ލިތުއޭނިއާ އާއި އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފަ އެވެ. އޭގެ އަސަރު ލިތުއޭނިއާއަށް ކުރަން ފެށީ މިދިޔަ ހަފްތާގައި އެވެ.

ލިތުއޭނިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ފަސް ކުންފުންޏެއްގެ އުފެއްދުންތައް ޗައިނާއަށް އެތެރެ ނުކުރެވޭނެ ކަމަށް އެ ގައުމުގެ ކަސްޓަމްސްއިން އަންގާފައިވާ ކަމަށެވެ. އަދި އެހެން ކުންފުނިތަކަށްވެސް އެ މައްސަލަ ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށާއި ހީވާގޮތުގައި ޗައިނާ ކަސްޓަމްސް އިދާރާގައި މުދާ އެތެރެ ކުރާ ގައުމުތަކުގެ ލިސްޓުގައި މިހާރު ލިތުއޭނިއާ ނެތް ކަމަށެވެ.

މި މައްސަލައިގަ އަންނަ ހަފްތާގައި ޔޫރަޕިއަން ޔޫނިއަންއަށް ހުށަހަޅައި އެހީއަށް އެދުމަށް ލިތުއޭނިއާއިން ވަނީ ނިންމާފަ އެވެ. މި މައްސަލައިގަ ލިތުއޭނިއާ އާއި އެއްކޮޅަށް މަސައްކަތް ކޮށްދިނުމަށް ޔޫރަޕިއަން ޔޫނިއަންގައި އެދޭނެ ކަމަށް އެ ގައުމުން ބުންޏެވެ.

އެމްބަސީ ހުޅުވުމުގެ ހުއްދަ ދިން މައްސަލައިގަ ޗައިނާއިން ބުނީ އެމްބަސީ ހުޅުވުމުގެ ހުއްދަ ދިނުމަކީ އެ ގައުމުން ދައްކަމުންދިޔަ ވާހަކަތައް ލިތުއޭނިޔާއިން ސީރިއަސްކޮށް ނުނަގާކަމުގެ ހެއްކެތް ކަމަށެވެ. ލިތުމޭނިއާއިން ވަނީ ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެފަ ކަމަށް އެ ގައުމުން ވަނީ ތުހުމަތު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް