ޕެރަ ބެޑްމިންޓަން އިވެންޓަކުން ފުރަތަމަ މޮޅު ރާއްޖެއަށް – މި މޮޅު ހޯދީ ހައްވާ އީޝަލް ރިޔާޒް

ޕެރަ ބެޑްމިންޓަން އިވެންޓަކުން ފުރަތަމަ މޮޅު ރާއްޖެއަށް ހޯދައިދީފި އެވެ. މި މޮޅު ރާއްޖެއަށް ހޯދައިދިނީ ބަހުރައިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ޕެރަ ގޭމްސްގެ ޕެރަ ބެޑްމިންޓަން ސިންގަލްސް އިވެންޓުގައި ޖ...

05 Dec 2021 | 13:29

ޕެރަ ބެޑްމިންޓަން އިވެންޓަކުން ފުރަތަމަ މޮޅު ރާއްޖެއަށް ހޯދައިދީފި އެވެ.

މި މޮޅު ރާއްޖެއަށް ހޯދައިދިނީ ބަހުރައިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ޕެރަ ގޭމްސްގެ ޕެރަ ބެޑްމިންޓަން ސިންގަލްސް އިވެންޓުގައި ޖޫނިއަރ ބެޑްމިންޓަން ކުޅުންތެރިޔާ ހައްވާ އީޝަލް ރިޔާޒް އެވެ.

އަންހެން ސިންގަލްސް އެސް އެޗް ހައެއްގެ އިވެންޓުގައި އީޝަލް ވަނީ މިހާތަނަށް ހަތަރު މެޗު ކުޅެފަ އެވެ.

މިއަދުގެ މެޗު އީޝަލް ކާމިޔާބުކުރީ ބަންގުލަދޭޝްގެ ޝޮރްމީ މޮޒުމްދާރާ ދެކޮޅަށް ކުޅެ، ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެން ނެެވެ. މި މެޗުގެ ސެޓުތައް ގެންދިޔައީ 18-21 އަދި 13-21 އިން ނެވެ.

މީގެ ކުރިން ކުޅުނު މެޗުތަކުން އީޝަލް ބަލިވިނަމަވެސް އޭނާވަނީ ހިތްވަރުގަދަ މޮޅު ކުޅުމެއް ދައްކާފަ އެވެ. ޚާއްސަކޮށް ޗައިނީސް ޓައިޕޭއާއި އިންޑިއާ ފަދަ ގައުމުތަކުގެ ކުޅުންތެރިންނާ ދެކޮޅަށް އީޝަލް ވަނީ ހިތްވަރުކޮށްފަ އެވެ.

ރާއްޖެއިން ޕެރަ ގޭމްސްއަށް ދިޔަ އެންމެ ހަގު އެތުލީޓަށް އީޝަލް ވާއިރު، ރާއްޖޭގެ އަންހެން ޕެރަ އެތުލީޓަކު ބައިނަލްއަގުވާމީ މައިދާނުގައި ބެޑްމިންޓަން އިވެންޓަކުން ފެނުނު ފުރަތަމަ ފަހަރަކީ ވެސް މިއީއެވެ.

ބަހުރައިންގެ މަނަމާގައި މިއަހަރު ބާއްވާނީ އޭޝިއަން ޔޫތު ޕަރަ ގޭމްސްގެ ހަތަރުވަނަ އެޑިޝަނެެވެ. މިފަހަރުގެ އިވެންޓުގައި ނުވަ ކުޅިވަރެއް ހިމެނޭ އިރު، 33 ގައުމަކުން ވާދަކުރާނެ އެވެ.

ރާއްޖެއިން ވާދަކުރާނީ ޕެރަ ބެޑްމިންޓަން އަންހެން އިވެންޓުގައި އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް