ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ފެރިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ހެދުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ބޭނުންވާކަމަށާއި އައު މިސްކިތެއްގެ އިތުރުން ޒުވާނުންނަށް ޚާއްޞަކޮށް އެކި ކުޅިވަރުތައް ކުޅެވޭނެފަދަ މަރުކަޒެއް ބިނާކުރުމާއި އެރަށުގައި ހުންނަ އއ. އަތޮޅު ސްކޫލަށް މަލްޓިޕަރޕަސް ހޯލެއް އިތުރުކުރުމާއި އެޓީއެމްގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ވެސް ރަށުގެ އިޖުތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަމާއި ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެރިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބަނދަރު ހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ބަނދަރުގެ މަސައްކަތާއިއެކު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވިދާނެތޯ ބައްލަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ވެސް ކަމާގުޅޭ މިނިސްޓްރީތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން ހިންގުމުގައި ވަކި ރަށެއް ތަފާތުކުރުމެއްނެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދަވާނެކަން ފާހަގަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް