ރަސްފަރީ ފަަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިޔަން ޑޮލަރު ސަރުކާރަށް ދައްކައިފި

ޕެނަމާގެ "ނެވިއޯ އަމަރިލީސް" ނަމަކަށް ކިޔާ އާގު ބޯޓު ކ. ރަސްފަރީ ފަރަށް އުރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ޑޮލަރު ޖޫރިމަނާ ފައިސާގެ ގޮތުގައި ދިވެހި ސަރުކާރަށް ދައްކައިފިއެ...

05 Dec 2021 | 13:01

ޕެނަމާގެ "ނެވިއޯ އަމަރިލީސް" ނަމަކަށް ކިޔާ އާގު ބޯޓު ކ. ރަސްފަރީ ފަރަށް އުރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ޑޮލަރު ޖޫރިމަނާ ފައިސާގެ ގޮތުގައި ދިވެހި ސަރުކާރަށް ދައްކައިފިއެވެ.

އެ ބޯޓު ރަސްފަރީ ފަރަށް އުރުނީ މިދިޔަ އޯގަސްޓު މަހުގެ19 ވަނަ ދުވަހު އެވެ. ބޯޓު ފުން ކުރެވުނީ10 ދުވަސް ފަހުންނެވެ.

ޖޫރިމަނާ ފައިސާ ސަރުކާރަށް ދައްކާފައި ވަނީ ރަސްފަރީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮށްފައިވާ ޖޫރިމަނާ ދެއްކުމުގެ މައްސަލަ ބޯޓުގެ ވެރި ފަރާތުން މިނިސްޓާ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއަށް އިސްތިއުނާފު ކުރުމާ ގުޅިގެން މިނިސްޓަރު އެ މައްސަލަ ބައްލަވައި އީޕީއޭ ގެ ނިންމުން ބަދަލު ކުރަން އަންގަންޖެހޭ ތަނެއް ނެތްކަމަށް އެންގުމާ ގުޅިގެންނެވެ.

އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ވިދާޅުވީ ބޯޓުގެ ވެރިފަރާތާއެކު އެ މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސް އަދި ޓްރާސްޕޯޓު އޮތޯރިޓީން ކުރި މަޝްވަރާތަކަށް ފަހު ޖޫރިމަނާ ފައިސާ އާއި ރަސްފަރީ ފަރަށް ގެއްލުން ލިބުނު ސަރަޙައްދު ކުރިން އޮތްގޮތަށް އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނޭ ގޮތަށް ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރު (154.2 މިލިއަން ރުފިޔާ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ބޯޓުގެ ވެރިފަރާތުން މިއަދު ވަނީ ޖަމާކޮށްދީފައި ކަމުގައެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދުނު ފަހަރެވެ. އަދި މިއީ ތިމާވެށްޓަށް ލިބުނު ގެއްލުމެއް ރަނގަޅުކުރުމުގެ މަސައްކަތަށް ހަރަދުކުރުމަށް ޝަރުތުކޮށް މިފަދަ ފައިސާއެއް ދައުލަތަށް ހޯދުނު ފުރަތަމަ ފަހަރުވެސް މެއެވެ.

މީގެ އިތުރުން، ތިމާވެށްޓަށް ލިބޭ މިފަދަ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ގާބިލުކަން އީޕީއޭ ގައި އިތުރުކުރުމުގެ ގޮތުން މި ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބޯޓުގެ ވެރިފަރާތުން ވަނީ އެއްބަސްވެފައެވެ.

އެހެންކަމުން ދިވެހި ސަރުކާރާއި ބޯޓުގެ ވެރި ފަރާތާއި އެކު އެއްބަސް ވެވުނުގޮތަށް ފައިސާ ދައްކާފައިވާތީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ރަސްފަރީ ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަޙައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި ސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބު ލަނޑާ އާއި މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް