އިސްލާމް ދީނަށް ފުރައްސާރަ ކުރި ސްރީލަންކާ ރައްޔިތަކަށް ޕާކިސްތާނުގައި އަނިޔާކޮށް މަގުމަތީގައި އަންދާލި މައްސަލައިގަ 120 މީހުން ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާއި 200 ކިލޯމީޓަރު ދުރުގައި އޮންނަ ސިއަލްކޮޓްގައި އެވެ. ސްރީލަންކާ މީހާ އަކީ ޕާކިސްތާނުގެ ފެކްޓްރީއެއްގެ މެނޭޖަރެކެވެ.
ޕާކިސްތާނު ފުލުހުންގެ ތަރުޖަމާނު ކުއްރަމް ޝާހްޒާދް ވިދާޅުވީ އެ މައްސަލައިގަ 120 މީހުން މިހާތަނަށް ހައްޔަރު ކުރެވިފައިވާއިރު އަދިވެސް އެކަމުގައި ބައިވެރިވި މީހުން ހޯދަމުންދާ ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމީހާއަށް ހަމަލާދީ އަންދާލި މޭސްތިރި ހިމެނޭ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މި މައްސަލައިގަ ކަން ހިނގާދިޔަ ގޮތް ހުރިހާ ފަރާތަކުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަންޒަރު ދުށް މީހުންނާއި ލަންކާ މީހާ މަސައްކަތް ކުރި ފެކްޓްރީގެ މުވައްޒަފުންގެ ބަސްވެސް ހޯދާނެ ކަމަށް ޝާހްޒާދް ވިދާޅުވި އެވެ. މިހާތަނަށް އެނގުނު ގޮތުގައި ލަންކާގެ އެ މެނޭޖަރަކީ މުވައްޒަފުންނަށް ވަރަށް އިހާނެތިކޮށް ކަންތައް ކުރި ހަރުކަށިި މީހެކެވެ. ތަރުޖަމާނު ވިދާޅުވީ ތަހުގީގަށް އެނގުނު ގޮތުގައި އިސްލާމް ދީނުގެ ކާޑު ބޭނުންކޮށްގެން އެމީހާ މަރާލީ އެ ފެކްޓްރީގެ މުވައްޒަފުންނެވެ.
މި މައްސަލައިގަ ހިމެނޭ މީހުން ހޯދަން ފުލުހުން މާ ބުރަ މަސައްކަތް ކުރާކަށް ނުޖެހެ އެވެ. އެއީ އެމީހުން އެކަން ކުރީ ވަރަށް ފާޅުގައި ކަމަށްވެފަ އެމީހާއަށް އަނިޔާކުރަމުންނާއި އަލިފާން ރޯކޮށްލަމުން ވީޑިއޯ އާއި ސެލްފީ ނަގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާތީ އެވެ.
ޕާކިސްތާން ސަރުކާޜުން ވަނީ އެމީހާގެ މަރަށް އިންސާފު ހޯދައިދޭނެ ކަމުގެ ޔަގީންކަން ސްރީލަންކާ ސަރުކާރަށް ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް