ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ސްރީލަންކާއިން ވެދެއްވާ އެހީތެރިކަމަށް ނައިބު ރައީސް ޝުކުރު އަދާ ކުރައްވައިފި

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ސްރީލަންކާއިން ވެދެއްވާ އެހީތެރިކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު އަދާ ކުރައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ޝުކުރުއަދާ ކުރެއްވީ ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރ...

05 Dec 2021 | 06:57

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ސްރީލަންކާއިން ވެދެއްވާ އެހީތެރިކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު އަދާ ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ޝުކުރުއަދާ ކުރެއްވީ ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ހިސް އިކްސެލެންސީ ރަނިލް ވިކްރަމަސިންގހަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ބަހައްޓަވާ ގާތްކަމަށާއި ދީލަތި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވާފަ އެވެ. ޚާއްޞަކޮށް ވޮކޭޝަނަލް އެޑިއުކޭޝަނަށާއި، ޞިއްޙީ ދާއިރާގެ ތަޢުލީމަށް ސްރީލަންކާ ސަރުކާރުން ދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ތިމާވެށީގެ ޙިމާޔަތަށް ރާއްޖެއިން ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަ ކަމަށާއި މުޅި ދުނިޔެ ވެސް ތިމާވެށީގެ ދާއިރާއިން މަސައްކަތްކުރުމަށް ބާރުއެޅުއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރުވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާ ގޮތް އޮޅުންފިލުއްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑްގެ ޙާލަތަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް މިހާރު މަޑުމަޑުން ރަނގަޅުވަމުންއަންނަކަން ފާހަގަކުރައްވާފަ އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ސްރީލަންކާގެ ޙާލަތުގެ ސަބަބުން އަވަށްޓެރި ޤައުމުތަކަށް، ޚާއްޞަކޮށް ރާއްޖެއަށް އަސަރުކުރާނެ ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބޭފުޅުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމަނިކުފާނު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 8 ޑިސެމްބަރ 2021 ވާ ބުދަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް