ބީއެމްއެލް އިން ހޯމް ލޯންގެ ރޭޓް 9 އިންސައްތައަށް ދަށްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ހޯމް ލޯންގެ ރޭޓް %9 އަށް ދަށްކޮށްފިއެވެ. މި ބަދަލާއެކު މިއީ ރާއްޖޭގައި ހޯމްލޯން ދޫކުރާ އެންމެ ކުޑަ ރޭޓެވެ. ކަސްޓަމަރުން އަލަށް އެދި ހުށަހަޅާ ލޯނާއި އެހެން މާލީ އިދާރާއަކުން...

05 Dec 2021 | 06:27

ބޭންކް އޮފް މޯލްޑިވްސް އިން ހޯމް ލޯންގެ ރޭޓް %9 އަށް ދަށްކޮށްފިއެވެ.

މި ބަދަލާއެކު މިއީ ރާއްޖޭގައި ހޯމްލޯން ދޫކުރާ އެންމެ ކުޑަ ރޭޓެވެ.

ކަސްޓަމަރުން އަލަށް އެދި ހުށަހަޅާ ލޯނާއި އެހެން މާލީ އިދާރާއަކުން ނަގާފައިވާ ލޯނެއް ރީފައިނޭންސްކުރުމަށް އެދި ހުށަހެޅުމުން މިހާރު ކަނޑައަޅާފައިވާ ކުޑަ ރޭޓުގައި ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލް ހޯމް ލޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެޕާރޓްމަންޓް ނުވަތަ ރޯހައުސް ގަނެވޭނެއެވެ. މި ލޯން އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ މިވަގުތު ބޭންކު މިއޮތީ ލޯން ޕޯޓްފޯލިއޯގައި ހިމެނޭ ލޯނުތަކެއްގެ ރޭޓް ދަށްކުރެވޭނެ ހާލަތެއްގައި އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އެންމެ ކުޑަ އިންޓަރެސްޓް ރޭޓުގައި ބޭންކުން ހޯމް ލޯނު ދޫކުރަން ހަމަޖެހުމާއެކު ގެދޮރު ގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން އެކަށީގެންވާ އަދަދެއްގެ ފައިސާ ފަހަށް ރައްކާކުރެވިގެންދާނެ ކަމަށެވެ.

" މިސާލަކަށް ދަންނަވާނަމަ، 3 މިލިއަން ރުފިޔާގެ ލޯނަކުން ގާތްގަނޑަކަށް 500،000 ރުފިޔާ ރައްކާކުރެވޭނެ. މީގެ އިތުރުން އަޅުގަނޑުމެން މިވަނީ ކިޔަވާ ލޯނުގެ ރޭޓް ދަށްކޮށް ލައިފް ސްޓައިލް ލޯނުގެ ޝަރުތުތަކަށްވެސް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި." ޓިމް ވިދާޅުވި އެވެ.

ބޭންކުން މިވަނީ މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަންފޯރުކޮށްދިނުމުގެ ގޮތުން ދޫކުރާ ކިޔަވާ ލޯނުގެ ރޭޓްވެސް %9 އަށް ދަށްކޮށްފަ އެވެ. އަދި މީގެ އިތުރުން ލައިފް ސްޓައިލް ލޯނުގެ ޝަރުތަކަކަށް ބަދަލުގެނެސް ކަސްޓަމަަރަށް ލިބޭ ހުރިހާ އާމްދަނީއަކަށް ބަލައި ލައިފް ސްޓައިލް ލޯނު ދޫކުރާ ގޮތަށްވެސް މިވަނީ ހަމަޖައްސާފަ އެވެ.

1 ޑިސެންބަރު 2021 އިން ފެށިގެން އަލަށް ކަނޑައެޅުނު ރޭޓްތަކަށް އަމަލުކުރަމުންދާނެއެެވެ. ބީއެމްއެލް އިސްލާމިކް އިން ޝަރީޢާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިންގ ޕްރޮޑަކްޓްތަކަށްވެސް މި ބަދަލުތައްވަނީ ގެނެސްފަ އެވެ.

ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ބޭންކުން މިވަނީ ރަހުނަކާ ނުލާ ދޫކުރާ ހުރިހާ ޕަރސަނަލް ލޯނުތަކަށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ހުށަހޭޅޭގޮތް ހަމަޖައްސާފަ އެވެ.

މިގޮތުން ވެހިކަލް ލޯނު، ލައިފްސްޓައިލް ލޯނު އަދި ގްރީން ލޯނަށްވެސް މިހާރު އޮންލައިންކޮށް އެދި ހުށަހެޅޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް