މެލޭޝިއާ އިންޓަރނޭޝަނަލް ޑައިވް އެކްސްޕޯ މައިޑް 2021 ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެ އެވެ.
ޑައިވް އަދި މޫދު ކުޅިވަރުތަކަށް ލޯބިކުރާ ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ އެކި ތަޖުރިބާތައް އިޝްތިހާރުކުރުމަށް މި އެކްސްޕޯ ކުރިއަށް ދަނީ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުން 5 ވަނަ ދުވަހުގެ ހަމައަށެވެ.
މައިޑް 2021 އެކްސްޕޯއަކީ ޑައިވް ކުރުމާއި، މެރިން ކޮންޒަވޭޝަންގެ ކަންކަމުގައި ހަރަކާތްތެރިވާ، އަދި އެފަދަ ޚިދުމަތްދޭ އަދި ލިބިގަންނަން ފަރާތްތަކަށް ޚާއްސަކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށް ގެންދާ އެކްސްޕޯއެކެވެ.
މި އެކްސްޕޯއަށް ދުނިޔޭގެ އެންމެ މަޤުބޫލު ޑައިވް މަންޒިލްތަކާއި، މޫދުކުޅިވަރާއި، ޑައިވިންގެ އެކި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރިވާނެއެވެ. މި އެކްސްޕޯ އަށް ޑައިވް އަދި މެރިން ކޮންޒަވޭޝަންއަށް ލޯބިކުރާ ފަރާތްތަކުން ޒިޔާރަތްކުރާނެއެވެ.
މިއީ މައިޑް ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި އެކްސްޕޯގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވުމުގެ މަޤްސަދަކީ ރާއްޖޭގައި މޫދުކުޅިވަރާއި، ޑައިވިންއަށް ހުރި ފުރުސަތުތަކާއި، މެރިން ކޮންޒަވޭޝަންގެ ދާއިރާއިން ރާއްޖޭގައި ކުރާ މަސައްކަތްތައް ދެކުނުއިރުމަތީ އޭޝިއާ، ހާއްސަކޮށް މެލޭޝިއާގެ ފަތުރުވެރިންނާ ހިއްސާކުރުމެވެ.
މައިޑްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑައިވް މެރިން ކޮންޒަވޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މި ޚިދުމަތްތައް ލިބިގަންނަން ބޭނުން ފަރާތްތަކާއި އެއްތަނަކުން ބައްދަލުވުމަށް ފުރުސަތު ފަހިވެގެންދާނެ އެވެ. މި ހަރަކާތުގައި ބައިވެރިވެ، ވިޒިޓް މޯލްޑިވްސް އަށް ރާއްޖެއިން ލިބެން ހުންނަ ޑައިވިން، ވޯޓަރސްޕޯޓްސް، މޫދު އަޑީގެ އެކި ތަޖުރިބާތައް ބޭރުގެ ފަރާތްތަކާ ހިއްސާކުރުމަށް ފުރުސަތު ލިބޭނެ އެވެ. އަދި ރާއްޖެއަކީ ދެކުނުއިރުމަތީ އޭޝިއާގެ، ޚާއްސަކޮށް މެލޭޝިއާގެ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ޚިދުމަތްތަކާއި، ތަޖުރިބާތައް ހިއްސާކުރެވޭނެ އެވެ.
މިގޮތުން ރާއްޖޭގެ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުން ލިބޭ ޚިދުމަތްތަކާއި، މިތަނުގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް މި އެކްސްޕޯގެ ޒަރިއްޔާއިން ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.
މީގެ އިތުރުން ރާއްޖޭގެ ރަށްތަށް އުފެދިފައިވަނީ ވަކިވަކިން ކަމުން މިއީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ވެސް މި އެކްސްޕޯގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެ އެވެ.
މި އެކްސްޕޯ ގައި ވިޒިޓް މޯލްޑިވްސްއަށް، ރާއްޖެ މާކެޓް ކުރުމުގައި ހަރަކާތްތެރިވާ 13،000 ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުންނާއި ބައްދަލުވާނެ ކަމަށް ލަފާ ކުރެވެ އެވެ.
މި އިވެންޓުގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވަމުން މިދަނީ ރާއްޖެއިން ދެކުނުއިރުމަތީ އޭޝިއާގެ މާކެޓަށް ޚާއްސަކޮށްފައިވާ މާކެޓިންގ ސްޓްރެޓަޖީގެ ދަށުން ނެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށެވެ.
ރާއްޖޭގެ އެންމެފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތައް މި މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކޮށް، ރާއްޖެއާ ބެހޭ ގޮތުން އެފަރާތްތަކުން ސާފުކުރަން ބޭނުންވާ މައުލޫމާތު ވެސް ސާފުކޮށްދެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް