އިންޑިޔާ ކަނޑުގެ ސަރަޙައްދަކީ ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަމާ ސީދާ ގޮތުން ގުޅިފައިވާ ހަބެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ.) ގެ 5 ވަނަ ބައްދަލުވުން 2021 އިފްތިތާޙުކުރުމުގެ ބައްދަލުވުމުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސަރަޙައްދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވާފަ އެވެ.
މީގެ އިތުރުން މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމުގައި ވިދާޅުވި އެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތުގެ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމާއި، ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކާއި، ސައިބަރ ސެކިއުރިޓީއާއި، އިންސާނީ ވަގުފާރިފަދަ ނުރައްކާތައް އިތުރުވަމުން ދިއުންފަދަ ކަންކަމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ހުރިހާ ބައިވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަންތައްތައްކަން ފާހަގަ ކުރައްވާފަ އެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެއްވެސް ގައުމަކަށް އެކަނި މަސައްކަތްކޮށްގެން ކުރެވޭނެ ކަމެއް ނޫންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ.
އަބޫދާބީގައި ހޮނިހިރު ދުވަހު ފެށި 2 ދުވަހުގެ މި ކޮންފަރެންސްގެ ޝިއާރަކީ "އިންޑިއަން އޯޝަން: އިކޮލޮޖީ، އިކޮނޮމީ އެންޑް އެޕިޑެމިކް" މި ޝިއާރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް