ސްޕެނިޝް ލީގު: ރެއާލް ބެޓިސް އަތުން ބާސެލޯނާ ބަލިވެއްޖެ

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރެއާލް ބެޓިސް އާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވެއްޖެއެވެ. ރެއާލް ބެޓިސްއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 0-1 ގެ ނަތީޖާއިންނ...

05 Dec 2021 | 03:39

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރެއާލް ބެޓިސް އާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވެއްޖެއެވެ.

ރެއާލް ބެޓިސްއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފެށިގެންް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މި ހާފގުގައި ބާސާއަށް ވަނީ ލަނޑުޖަހަން ރަނގަޅު ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނިކޮލަސް ގޮންޒާލޭޒް ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ފިލިޕޭ ކުޓީނިއޯ ހުސްކޮށް ހުރެ ފޮނުވާލި ނަމަވެސް ރެއާލް ބެޓިސްގެ ކީޕަރު ރުއި ސިލްވާ ވަނީ މި ބޯޅަ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އޮވެ ނިމުނުއިރު، ފަހުހާފުގެ ކުޅުން ފެށިގެން ރަނގަޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ބާސާއިންނެވެ. އެގޮތުން އެޓީމުން ފުލުފުު ތިން ހަމަލާއެއް ރެއާލް ބެޓިސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލިއެވެ. ނަމަވެސް ޑެމްބެލޭ ފޮނުވާލި މި ހަމަލާތައް ގޯލާއި އަމާޒުވެފައެއް ނުވެއެވެ. މެޗުގެ 61 ވަނަ މިނެޓުގައި ރެއާލް ބެޓިސް އިން ވަނީ ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް މިއީ އޮފް ސައިޑް ލަނޑެއް ކަމަށް ނިންމާ މި ލަނޑު ބަލައިގަނެފައެއް ނުވެއެވެ.

ރެއާލް ބެޓިސް އިން ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ 78 ވަނަ މިނެޓުގައެވެ. ކައުންޓަރ އެޓޭކުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓެލޯގެ އެހީތެރިކަމާއި އެކު ޖުއާން މިގޭޒް ޖިމެނޭސް އެވެ. މި ލަނޑާއި އެކު ބެޓިސް މޮޅުވިއިރު، އެޓީމުން ވަނީ ތާވަލްގެ ތިން ވަނައަށް ޖެހިލާފައެވެ. އެޓީމު ތިން ވަނާގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 30 ޕޮއިންޓާއި އެކުގައެވެ. ރެއާލް ބެޓިސް އަތުން ރޭ ބަލިވި ބާސާ އޮތީ 23 ޕޮއިންޓާއި އެކު ތާވަލުގެ ހަތް ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް