ދިވެހި ގައުމީ ފުޓްބޯޅަ ޓީމިގެ މިޑްފީލްޑަރ އައްސަދު އަލީ (އަޑޭ) ބާރަ ހާސް ރުފިޔާ އިން ޖޫރިމަނާކޮށް ހަ މެޗަށް ސަސްޕެންޑުކޮށްފި އެވެ.
އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން އޭނާއަށް މި އަދަބު ދީފައިމިވަނީ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖޭން ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހިންގި އަމަލަށެވެ.
ރާއްޖެއާއި ސީޝެލްސް ކުޅުނު މެޗުގައި އޭނާ ދަނޑަށް އެރިތާ މިނެޓެއް ވެސް ނުވަނީސް ވަނީ ރަތްކާޑު ދައްކާ ދަނޑުން ބާލާފަ އެވެ. އެއީ ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީގެ ކަރާއި ދިމާލުގައި އުޅަނބޮށިން ޖެހުމުން ނެވެ. އޭނާ މި އަމަކު ހިންގާފައިވަނީ ބޯޅަ ނެތީހެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާ ކުރުމަށް ކަމަށެވެ. ނަމަވެސް ހަ މެޗަކީ ރަތް ކާޑާއެކު އާންމުކޮށް އަންނަ ދެ މެޗުގެ ސަސްޕެންޝަނަކާއެކު ކުރި ސަސްޕެންޝަނެއް ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
ޑިސިޕްލިނަރީ ކޮމިޓީން އެގޮތަށް ނިންމިނަމަވެސް އެކަން ތަންފީޒު ކުރާނީ އެފްއޭއެމުން ނެވެ.
އައްސަދު އަލީއަކީ ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ފުޓްބޯޅައިން ރިޓަޔަރ ކުރިފަހުން ނިމިިދިޔަ ސާފު ޗެމްޕިއަންޝިޕަށް އަލުން ޓީމުގައި ހިމެނުނު އިރު، ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަދީފައިވަނީ އަނިޔާގެ ސަބަބުން ފުޓުބޯޅައާ ދުރުގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހު އެވެ.
އެހެންވެ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިންގ ސްޓާފުންނަށް އަމާޒުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް