ރޭގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ އދ. މާމިގިލީ ކަނީރުމާގޭ ގާސިމް ހަސަން، 59 ގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރުފަހު މަސްޖިދު ތަޢާވުން (އާސަހަރާ) މިސްކިތުގައި އޮންނާނެއެވެ.
ރޭ 09:22 ހާއިރު ގާސިމްގެ ހަށިގަނޑު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައެވެ. މިހާތަނަށް ރަސްމީ އިދާރާއަކުން މި މަރާއި ގުޅޭގޮތުން ތަފްސީލެއް ހާމަކޮށްފައިނުވިނަމަވެސް ގާސިމަކީ ޓެކްސީ ޑްރައިވަރެއް ކަމާއި އޭނާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދާ ދުރު ނޫން ހިސާބެއްގައި އޭނާ ދުއްވާ ކާރު އިންޖީނު ނިވައިނުލާ އަދި ރަތް ބޯޑު ދިއްލާފައި އޮތް ކަމަށް ވެއެވެ.
ރަހުމް ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ގާސިމްގެ ކަރަށާއި އަތުގެ ބައެއް ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިހާތަނަށް ބައެއް މަސްދަރުތަކާ ހަވާލާދީ ބައެއް ނޫސް މީޑިއާއާއި ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ގާސިމަށް ހަމަލާ ދިނީ ކާރުގެ އެތެރެއިން ކަމަށް ބެލެވެއެވެ. ކާރުގެ ތެރޭގައި ލޭ ހުރި ކަމަށްވެސް ވެއެވެ. ގާސިމް ދުއްވި ކާރު އޮތީ ހޮޅިދަނޑިއަކަށް އަރާފައެވެ. ނަމަވެސް މިކަންކަން ކަމާބެހޭ ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް