މާދަމާ މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅެން ހަމަ ޖެހިފައިވާ ސިޓީ ޑާބީ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ބޭނުން ވާ ކަން ހާމަކޮށް އެކަން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލި ގަނަ ސޮލްޝެއަރ އަށް އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އަންގާފައިވާ ކަަމަށް މީޑިއާ ރިޕޯޓު ތަކުން ބުނެފިއެވެ.
މާދަމާ ސިޓީ އާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ބޭނުންވާ ކަން ހާމަކޮށް އެކަން ޔުނައިޓެޑް ކޯޗު ސޮލްޝެއަރ އަށް ކަވާނީ އަންގާފައިވާ ކަމަށް ރިޕޯޓުތަކުން ބުނާއިރު، 2020 ވަނަ އަހަރު ޔުނައިޓެޑާއި ގުޅުނު ފަހުން މިހާތަނަށް ސިޓީއާއި ދެކޮލަށް ޔުނައިޓެޑް ކުޅުނު އެއް ވެސްޗެއްގައި ކަވާނީ ކުޅެފައެއް ނުވެއެވެ.
އެގޮތުން ކަވާނީ ޔުނައިޓެޑާއި ގުޅުނު ފަހުން ޔުނައިޓެޑް ވަނީ މިހާތަނަށް ސިޓީއާއި ދެކޮޅަށް ތިން މެޗެއް ކުޅެފައެވެ. މި ތިން މެޗަށް ނެގި ސްކޮޑުގައި ކަވާނީ ހިމެނުނު ނަމަވެސް މިއިން އެއްވެސް މެޗެއްގައި ކަވާނީއަށް ކުޅުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.
ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުނު ފަހުން ކަވާނީއަށް ލިބޭ ފުރުސަތުތަށް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން ޔުނައިޓެޑް މިފަހަރުގެ ސީޒަނުގެ މިހާތަނަށް ކުޅުނު ބޮޑެތި މެޗުތަކުން ކަވާނީއަށް ލިބިފައިވަނީ މަދު ފުރުސަތެކެވެ. އެހެން ކަމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށް ކަވާނީ ވާހަކަ ވެސް ދައްކާފައެވެ. އެގޮތުން މިފަހަރުގެ ސީޒަނަށް ފަހު ކަވާނީ ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް ވެސް ވަނީ ބެލެވުފައެވެ.
ޔުނައިޓެޑް އެންމެ ފަހުން ލީގުގައި ޓޮޓެންހަމާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފަހުހާފަށް ކުޅެން އަރާ ކަވާނީ ވަނީ ލަނޑުވެސް ޖަހައިފައެވެ. ލިވަޕޫލް އަތުން 0-5 އިން ބަލިވި މެޗަށްފަހު ޓޮޓެންހަމް އަތުން ލިބުނު ކާމިޔާބީގައި ކަވާނީގެ ހިއްސާ ބޮޑުއިރު، އޭނާ ވަނީ އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގައި ކަވާނީ އާއި ރޮނާލްޑޯގެ ކޮމްބިނޭޝަން ވަރަށް ރަނގަޅު ކަމަށް ގިނަ ބަޔަކު ފާހަގަކުރި ނަމަވެސް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އެޓަލާންޓާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކަވާނީ ފެށީ ބެންޗުންނެވެ.
ފަހަކަށް އައިސް ޓީމުގެ ފުރަތަމަ އެގާރައިން ކަވާނީ އަށް ލިބޭ ފުރުސަތުތައް މަދުކަމުގެ ޝަކުވާ އޭނާ ކުރަމުން އަންނައިރު، މިފަހަރުގެ ސީޒަނަށް ފަހު ޔުނައިޓެޑް ދޫކޮށް އާޖެންޓީނާގެ ބޮކަ ޖޫނިއަސް އާއި ކަވާނީ ގުޅެން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް މީޑިއާގައި ވަނީ ތިލަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް