"މިސް އަޅުގަނޑު ފާހާނާއަށް ދާންވެއްޖެ" "މިސް އަޅުގަނޑު ޑަސްބިނަށް އެއްޗެއް އެއްލާލަން ދަންތޯ" މިއީ އަހަރެމެން އެންމެންވެސް މަދަރުސީ ހަޔާތުގައި ކަން ކުރަމުން އައި ގޮތެވެ. ޓީޗަރުން ކްލާހުގައި ކިޔަވާ ދެއްވާއިރު އުނދަގޫ ނުކޮށް ޓީޗަރު ގާތުގައި ރީއްޗަށް އަހާލުމަށްފަހު ޓީޗަރުގެ ހުއްދަ ލިބިގެން މެނުވީ އެފަދަ ކަންކަން ކުރުމަކީ އުނދަގޫ ކަމެކެވެ. އެއާ ހިލާފަށް އަމަލު ކުރާ ކުދިންނަށް ޓީޗަރުން އަދަބު ދޭނެއެވެ. ބައެއް ފަހަރު ކޮޅަށް ބަހައްޓާނެއެވެ. އަނެއް ބައިފަހަރު އެ ކުއްޖަކު ކުރި ގޯސް ކަންތައް ދެން ނުކުރާނެ މޭރުމަކުން 100 ފަހަރު އެކަމެއް ފޮތުގައި ލިޔުމެއް ޓީޗަރު އަންގާނެއެވެ. އެކަމެއް ނުކޮށްފިނަމަ ކުރިން ދިން އަދަބަށްވުރެ ބޮޑު އަދަބެއް ދޭނެއެވެ. އެއީ އެ ޓީޗަރެއްގެ ގަޑި ނިމެންދެން ދަރިވަރު ކޮޅަށް ބެހެއްޓުން ފަދަ ކަންކަމެވެ.
ނަމަވެސް ގާނޫނު ހަދާ މަޖިލީހެއްގައި މިފަދަ ކަމެއް ފެނިގެން ދިއުމަކީ ރައްޔިތުން ބަލައި ގަންނާނެ ކަމެއް ހެއްޔެވެ. ރައްޔިތުންގެ މަންދޫބުންނަށް އަދަބު ދޭން މިއަދު ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމަލު ކުރައްވަމުން ގެންދަވަނީ އެންމެ ރަނގަޅު ގޮތަށްތޯއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި އެއްދުވަހު ވިދާޅުވިއެވެ. މަޖިލީހުގެ ތަޅުމުން ބޭރަށް ނިކުމެވަޑައިގަންނަވާ ކަމަށްވާ ނަމަ އަތް އުފުލެއްވުމެއްވުމަށް ތަޅުމުން ނިކުމެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސަށް ދަންނަވަން ވާނެ ކަމަށް ވިދާޅުވިއެވެ. ބައެއް ފަރާތްތަކުން ރައީސް ނަޝީދު އެފަދައިން ވިދާޅުވުމުން އެއީ މަޖިލިސް ހިނގަން ޖެހޭނެ ގޮތް ކަމަށާއި މެންބަރުން ބޭނުންހާ ގޮތަކަށް ނޫޅެވޭނެ ކަމަށް ވިދާޅުވެ ތައުރީފު ކުރެއްވިއެވެ. އެހެންނަމަވެސް އެކަމާއި ދެކޮޅަށް އަޑުއުފުލާ ރައީސް ނަޝީދަށް ފާޑު ވިދާޅުވި ބޭފުޅުންވެސް އެކަމާއި ގުޅިގެން ތިއްބެވިއެވެ.
ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ މަޖިލީހެވެ. އެ މަޖިލީހަކީ މުހިއްމު މަސައްކަތްތަކެއް ކުރާ ތަނެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މަޖިލިސް ތެރެ ހޫނުވެ ގަޔަތް ބޮލަށް އަރައިގެންދާ މަންޒަރުތައްވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. އެހެންނަމަވެސް އެކަންތައް އެގޮތަށް ކުރިނަމަވެސް ނަން އިއްވާ ތަޅުމުން ބޭރު ކުރުން ނޫން ކަމެއް އެފަދަ މަޖިލިސްތަކުން ނުފެނެއެވެ.
ނަމަވެސް އިއްޔެއާ މިއަދު މަޖިލިސް ތެރެއިން ފެނިގެން ދިޔައީ މަދަރުސާއަކުން ފެންނަ މަންޒަރުތަކެވެ. ބޮޑުވެ ތަސައްރަފު ފުދިފައިވާ ބަޔަކަށް މަޖިލީހުގެ ރައީސް އަދަބު ދެއްވުމުގެ ނިޔަތުގައި ކަން ކުރެއްވީ މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތައް ހެއްޔެވެ. މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލާ މެންބަރުންނާއި މެދު އަމަލު ކުރައްވާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮވެއެވެ. އެއީ އެ މެންބަރެއްގެ ނަން އިއްވުމަށްފަހު ސާޖެންޓް އެޓް އާމްސްގެ އަރިހުން އެ މެންބަރަކު މަޖިލީހުގެ ތަޅުމުން ބޭރު ކުރަން އެދުމެވެ. އެއާ ހިލާފަށް މަޖިލީހުގެ މެންބަރަކު މަޖިލިސް ތަޅުމުގައި ކަށިގަނޑު ފުމެގެން 100 ފަހަރު "ދެން އަޅުގަނޑު ކަށިގަނޑު ނުފުމޭނަން" މިފަދައިން ލިޔަން އަންގާފައި އޮވޭތޯއެވެ. މަޖިލީހުގެ ރައީސަކަށް އިންނަވާ ބޭފުޅާ އެފަދައިން ބަޔާންކޮށްފައި އޮންނަ މަޖިލީހުގެ ގަވާއިދުގެ މާއްދާ ދިވެހި ރައްޔިތުންނަށް ބުނެލަ ދެއްވުން ބުއްދިވެރިއެވެ.
ހަމައެއާއެކު މަޖިލީހުގެ ރައީސް މެންބަރަކަށް އަދަބު ދިނުމުގެ ގޮތުން އެއްޗެއް ލިޔުއްވުމަށް ވިދާޅުވުމުން އެ އެއްޗެއް ނުލިޔެއްވުމުން އެ އަދަބު އިތުރަށް ބޮޑުކޮށް ފާރަށް މޫނު ލައިގެން ހުންނެވުމަށް އެންގެވުމަކީ ބުއްދީގެ ހަމަތަކުން ގަބޫލު ކުރެވޭނެ ކަމެއްތޯއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މެންބަރުންނަށް އެފަދަ އަދަބު ދިނުމަށް އަންގާފައި އޮންނަ ކަމަކީ ހުދު އެ މެންބަރުންނަށްވެސް އެނގިވަޑައިގެން ނުގަންނަވާ ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހަކީ ސްކޫލެއް ކަމަށް ސިފަ ކުރެއްވުނީ ކަމަށް ވެދާނެއެވެ. އަދި އެތަނުގައި ގާނޫނުއަސާސީއާ ގާނޫނުތައް ހުއްދަކުރާ ގޮތެއް މަތިން ދިވެހި ރައްޔިތުން ހަވާލު ކުރެއްވި އަމާނާތް ތެދުވެރިކަމާއި އެކުގައި އަދާ ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެ ކުރެއްވި ހުވާގެ މަތިން ވެސް ހަނދުމަފުޅު ނެތުނީ ކަމަށް ވެދާނެއެވެ.
ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ މަޖިލީހެވެ. އެ މަޖިލީހުގެ 18ވަނަ މަޖިލީހުގައި އެމްޑީޕީ މެންބަރުން އުޅުއްވި ގޮތްވެސް ދިވެހި ރައްޔިތުންނަށް ތިބީ ފެނިފައެވެ. ގާނޫނު އަސާސީގެ މައްޗަށް ފައިން އަރާ އުޅުނު މަންޒަރުވެސް ދެކުނެވެ. އެހެންނަމަވެސް އެމްޑީޕީ މެންބަރުން އެ ވިދާޅުވާ "ހިޓުލަރު މަޖިލިސް ރައސް" ނުވަތަ އޭރު މަޖިލީހުގެ ރައީސްކަމުގައި އިންނެވި އަބްދުﷲ މަސީހެއްވެސް އެމްޑީޕީ މެންބަރުން ކުޑަކަކޫ ޖައްސައިގެން މަޖިލިސް ޖަލްސާ ނިމެންދެން ހުންނަވާކަށް ނާންގައެވެ.
މަޖިލީހަކީ މަދަރުސާއެއް ނޫނެވެ. މަދުރާސާއެއްގައި އަމަލު ކުރާ ގޮތަށް އަމަލުކުރަން އެންގުމަކީ މެންބަރުންނަށް ފޮޅުވަތް ލިޔުމަށް އެންގުމެއް ނޫނެވެ. އަދި މަޖިލިސް ޖަލްސާ ނިމެންދެން ކޮޅަށް ބޭތިއްބުމެއްވެސް ނޫނެވެ. އޮޅިވަޑައިނުގަންނަވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް