މި ސަރުކާރުން ކުރާ ކަމެއް ކުރާނީ ޑިއު ޕްރޮސެސްގެ ތެރެއިން: އިމްރާން

ޑިއު ޕްރޮސެސްގެ ތެރެއިން ނޫން ގޮތަކަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްވެގެންވާ ...

05 Nov 2019 | 08:34

ޑިއު ޕްރޮސެސްގެ ތެރެއިން ނޫން ގޮތަކަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް ގާނޫނުގެ ވެރިކަން ނަގަހައްޓަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޅުއްވާނެ ކަމަށެވެ.

އިމްރާން މިގޮތަށް ވިދާޅުވެފައިވާއިރު އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގެ މައްސަލާގައި އެ ޖަމިއްޔާ މިއަދު ވަނީ ޔޫތު މިނިސްޓްރީން އުވާލައިފައެވެ. އެމްޑީއެން އުވާލަން ނިންމާފައިވާކަން ޔޫތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްޑީއެން އިން ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި އިސްލާމް ދީނާއި ޚިލާފު ވާހަކަތަކެއް ހުރިކަމަށާއި، އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައި ހުރިކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅުފައިވާ މައްސަލައަކާއި ގުޅިގެން އެ ޖަމިއްޔާ މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ވަގުތީ ގޮތުން ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.

ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ އަދި ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރެވުނު ތަހުޤީޤުގެ ނަތީޖާއެއްގެ ގޮތުން ޖަމްއިއްޔާތަކުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ހ. އާއި ށ. އަދި އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އެމްޑީއެންގެ ރަޖިސްޓްރީ ބާތިލް ކުރަން ނިންމައިފައިވާކަމަށް ވެސް އެބަޔާނުގައި ހާމަކޮށްފައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ޖަމިއްޔާ އުވާލުމަށްޓަކައި ޖަމިއްޔާގެ ދަރަންޏާއި މުދަލުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް ހަދާފައިވާ ޤާނޫނާ އެއްގޮތަށް 45 ދުވަހުގެ މުއްދަތު އެފަރާތަށް ދެވިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް