އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ އެމަނިކުފާނު ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް އަށް ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވި މައްސަލަކާ ގުޅިގެން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މީގެއިތުރުން ޖޭއެސްސީގެ ގާނޫނަށް ދާދިފަހުން ގެނެވުނު އިސްލާހާ ގުޅިގެން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ގަވާއިދުތަކަށާއި އުސޫލުތަކަށް އަމަލުނުކުރުމަށް ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް އަށް އަންގައި އެ ބޭފުޅާގެ މަސައްކަތައް އުއްތަމަ ފަނޑިޔާރު ހުރަސް އަޅުއްވާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
އަދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި، އެ ޑިޕާޓްމެންޓާ ގުޅިގެން ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ބަޣާވާތެއް ކުރައްވަން އުޅުއްވާ ކަމަށް އުއްތަމަ ފަނޑިޔާރު ތުހުމަތު ކުރައްވާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރުން ހިމެނެއެވެ. ޑީޖޭއޭ މީގެކުރިން ހިނގަމުން އައީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ.
މީގެއިތުރުން "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި އާ އިދާރާއެއް އުފެދޭނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.
ޖޭއެސްސީން މިގޮތަށް ބުނެފައިވާއިރު ރޭ އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޝަރުއީ ދާއިރާ ޕެރަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް