އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓްގެ މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމައިފި އެވެ.
މިކަން ކަށަވަރުކޮށްދެއްވައި އެމްޑީއެންގެ ބެލެނިވެރިފަރާތް ކަމަށްވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރިކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުން ކަށަވަރުވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްޑީއެން އިން ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި އިސްލާމް ދީނާއި ޚިލާފު ވާހަކަތަކެއް ހުރިކަމަށާއި، އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައި ހުރިކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅުފައިވާ މައްސަލައަކާއި ގުޅިގެން އެ ޖަމިއްޔާ މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ވަގުތީ ގޮތުން ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.
ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ އަދި ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރެވުނު ތަހުޤީޤުގެ ނަތީޖާއެއްގެ ގޮތުން ޖަމްއިއްޔާތަކުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ހ. އާއި ށ. އަދި އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އެމްޑީއެންގެ ރަޖިސްޓްރީ ބާތިލް ކުރަން ނިންމައިފައިވާކަމަށް ވެސް އެބަޔާނުގައި ހާމަކޮށްފައިވެއެވެ.
އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ޖަމިއްޔާ އުވާލުމަށްޓަކައި ޖަމިއްޔާގެ ދަރަންޏާއި މުދަލުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް ހަދާފައިވާ ޤާނޫނާ އެއްގޮތަށް 45 ދުވަހުގެ މުއްދަތު އެފަރާތަށް ދެވިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް