ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
މިއަދު ޖޭއެސްސީ އިން ބޭއްވި ބައްދަލުވުމެއްގައި ހައިލަމް ސަސްޕެންޑް ކުރުމަށް ނިންމީ ނަސްރުގެ ދުވަހާ ގުޅިގެން ވައިބަރ ގުރޫޕްއަކަށް ފޮނުވި ފޮޓޯ އަކާއި ގުޅިގެންނެވެ.
ޖޭއެސްސީގެ ތަހުޤީޤަށް މިއަދު ހެނދުނު 8:00 އަށް ހާޒިރުވުމަށް އެކޮމިޝަނުން އެންގި ނަމަވެސް މިއަދު ހައިލަމް ޖޭއެސްސީ އަށް ހާޒިރުވެ ވަޑައިނުގަންނަވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
ޖޭއެސްސީން ވިދާޅުވި ގޮތުގައި ހައިލަމް ޖޭއެސްސީއަށް ހާޒިރުވުމަށް އުޒުވެރިވާ ކަމަށް ވަނީ އަންގާފައެވެ. ނަމަވެސް އެއީ މަގުބޫލް ސަބަބެއް ކަމަށް ޖޭއެސްސީ އަށް ގަބޫލުނުކުރެވޭ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.
ރޭ އިލަމް ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ކްރިިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ހިމެނޭ ފޮޓޯއެއް ޕޯސްޓުކުރީ އެ ފޮޓީގައި ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ހުރިކަން އެނގުމުން ކަމަށެވެ. އަދި އެ ފޮޓޯ ޕޯސްޓުކުރިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކުރެހުމުގައި ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ހައިލަމްގެ ބަޔާނުގައި ވިދާޅުވިއެވެ.
އެހެންކަމުން ރޭ ހައިލަމް ނެރުއްވި ބަޔާނުގައި ބުނެފައިވާ ވާހަކަތަކަކީ އެ މައްސަލާގައި ހައިލަމް ދޭން ބޭނުންވާ މައުލޫމާތު ކަމަށް ބަލައި، އެއީ އޭނާގެ ބަސް ތަހުޤީޤަށް ހޯދުނީ ކަމަށް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. މައްސަލައާ ގުޅިގެން ހައިލަމް ސަސްޕެންޑްކުރީ މައްސަލައިގެ ޒާތުން ހައިލަމް މަސައްކަތަށް ނުކުމެ އުޅުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ކަމަކަށްވާތީ ކަމަށް ވެސް ޖޭއެސްސީން ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވީ އޭނާ އެ ފޮޓޯ ޕޯސްޓުކުރި ވައިބާ ގްރޫޕަކީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ޕްރައިވެޓު ވައިބާ ގްރޫޕެއް ކަމަށްވާއިރު އޭނާ އެ ފޮޓޯ ޝެއާކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން ވަކިން ހާއްސަކޮށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން އޭނާ ބަލަމުންދާ މައްސަލައަކަށް (ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ) ނުފޫޒު ފޯރުވުމުގެ ގޮތުން އެ މައްސަލާގައި ހައިލަމް ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކާފައިވާތީ އެ އަމަލަކީ ކޯޓުގައި ކުރިއަށްދާ މައްސަލައަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން އޭނާ ކުރަމުންދާ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށެވެ.
ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް