ބޮލީވުޑްގެ ތަރި ސިދާތު މަލްހޯތުރާގެ ލޯބިވެރިޔަކު ނެތްކަމަށް އޭނާ އަނެއްކާވެސް ބުނެފިއެވެ.
ސިދާތުގެ ކުރިއަށް އަންނަން އޮތް ފިލްމު 'މަރްޖާވާން'ގެ ޕްރޮމޯޝަންގެ ތެރެއިން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ދުނިޔެއަށް އައީވެސް އެކަނި ކަމަށާއި ދުނިޔެއިން ދާނީވެސް އެކަނި ކަމަށެވެ. މި ވާހަކައިގައި ދަށުރޮނގު ދަމަންޖެހޭ ތަންކޮޅަކީ 'އެކަނި' ކަމަށާއި، އޭގެ މާނައަކީ އޭނާ މިހާރު ހުރީ 'ސިންގަލް' ކޮށް ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން 'ސުޓޫޑެންޓް އޮފް ދި އިޔަރ 2' އިން ފެނިގެންދިޔަ ބަތަލާ ތާރާ ސުތާރިއާ އާއި ސިދާތުގެ ލޯބީގެ ގުޅުމެއް ވާކަމަށް ޚަބަރުތައް ފެތުރުނެއެވެ. އޭގެ ފަހުން މިހާރު އޭނާ އާއި ކިއަރާ އަދްވާނީ އާއި ގުޅުމެއް އޮންނަ ކަމަށް އަޑުތަކެއް ވަނީ ފެތުރިފައެވެ. ކިއަރާ އާއި ސިދާތު މިހާރު ދަނީ ވިކްރަމް ބަޓްރާގެ ބައޯޕިކް 'ޝޭރްޝާހް' ގެ މަސައްކަތް ކުރަމުންނެވެ.
މި އަޑުތަކަށް އިޝާރާތްކުރަމުން ނޫސްވެރިޔާ ކުރި އިތުރު ސުވާލަކަށް ޖަވާބުދެމުން ސިދާތު ބުނީ، އޭނާއޭ ކިޔައިގެން އަބަދުވެސް ކޮންމެވެސް ވާހަކައެއް ދެކެވޭ ކަމުގައެވެ. އެހެންނަމަވެސް ދެކެވޭ ވާހަކަތަކަކީ އަދި ހަގީގަތަކަށް ނުވެ ހިނގައިދާނެ ވާހަކަތަކެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭނާގެ ލޯބިވެރިޔަކު ނެތް ކަމަށް މީގެ ކުރިންވެސް އޭނާ ވަނީ ބުނެފައެވެ.
ސިދާތު އިތުރަށް ބުނީ މިވަގުތު މަސައްކަތް ފިޔަވައި އިތުރު ކަމަކާ އުޅެން ވަގުތު ނުވާކަމުގައެވެ.
ސިދާތު ދެން އެންމެ އަވަހަށް ފެނިގެންދާނީ އޭނާ މިހާރު ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފިލްމު 'މަރްޖާވާން' އިންނެވެ. އެފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެފިލްމުން ސިދާތު އާއި އެކީ ފެނިގެންދާނީ ތާރާ ސުތާރިއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް