ކުރީގެ އަދަދާ ގުޅޭ...
"އިތުރު ސުވާލެއް ނުކޮށް ޒާން ބުނާގޮތް ހަދާނަންތަ؟" ހަމަޖެހިލަމުން ނަޒާން އަހައިލިއެވެ. އިތުރު ސުވާލެއް ނުކޮށް ޝައިލާ އެއްބަސްވިއެވެ.
"ގުޑް ގާލް... ބޭރަށް ދަންޏާ ޕްލީޒް ބުނެފަ ދައްޗޭ އިނގޭ" އަނެއްކާވެސް ނަޒާން ހަނދާންކޮށްދިނެވެ. ޝައިލާ އެކަމާ އެއްބަސްވަމުން ފޯނު ބޭއްވިއެވެ.
ޝައިލާ ފޯނު ބޭއްވުމުން ނަޒާން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ނަމަވެސް މަންމަ އާއި ބައްޕަގެ ކޮޓަރިން އޭނާގެ ނަން ކިޔާ އަޑު އިވުމުން ނަޒާން ހިނގައިގަތީ އެދިމާލަށެވެ. ކުޑަކޮށް ހުޅުވިފައި ހުރި އެދޮރުން އެތެރެއަށް ނަޒާން ސިއްރުން ބަލައިލިއެވެ. ބައްޕަ ގޮނޑީގައި އިންއިރު ފުރަގަހަށް އެނބުރި ހުރީ ނަހުޒާނެވެ. މަންމަ ފެންނާކަށް ނެތެވެ. ބައްޕަ ދެންމެ މާލެ އައިކަން އެނގެނީ ތިރީގައި ހުރި ދަބަސް ފެނުމުންނެވެ.
"ނަހުޒާން ދަރިފުޅާ އެސޮރު މިހާރު ދެން ހަމަ ބާކީވެފަދޯ ގޭތެރޭގަ އެހުންނަނީ... ބައްޕައަށް ފެންނަނީ އޮފީހަށް ގެންދަން" ސަމީރު ބުނެލިއެވެ. އެމީހުން ޔަގީނުންވެސް ދައްކަމުން އެގެންދަނީ ނަޒާންގެ ވާހަކަ އެވެ.
"ނޫނޭ ބައްޕާ... ނަޒާން އޮފީހަށް ވައްދައިފިނަމަ އަހަރެމެން އަޑި އެޅޭނީ... އެތައް ފަހަރަކު އަހަރެން ބުނެފިންދޯ ނަޒާނަކީ އޮފީސް މަސައްކަތް ކުރެވޭނެ މީހެއް ނޫނޭ... ބައްޕައަށް ނުފެންނަނީތަ އޭނަ އުޅުން ވިޔާނުދާ ގޮތެއް... އަހަރެން މިހުރީއޭ އަހަންނަށް ހުރިހާ ކަމެއްވެސް ބެލޭނެ" ނަހުޒާން ބުނެލިއެވެ.
"މިހާރުދެން ވިޔާނުދާ ގޮތަކަށް އުޅޭތަނެއް ނުފެނޭ... އެހެން ނޫނަސް ދެދަރިން ތަފާތުކޮށްގެން ބައްޕައަށް އެއްވެސް އުފަލެއް ނުލިބޭ" ސަމީރު ބުނި އަޑު އިވުނެވެ.
"އެއީ ތަފާތު ކުރުމެއް ނޫން ބައްޕާ... ނަޒާން އަކީ މިކަހަލަ ކަންތައްތަކާ ވިސްނޭ ހަރުދަނާ ކުއްޖެއް ނޫނޭ... އޭނަ އެހެން ނޫނަސް ބޭނުމެއް ނުވޭ އޮފީހަށް ދާކަށް އޭނަ ބޭނުންވަނީ ގޭގަ ރީތިކޮށް އޮންނަން" ނަހުޒާން މަސައްކަތް ކުރަމުންދިޔައީ ސަމީރަށް ވިސްނައިދެވޭތޯ އެވެ.
"ދެން ބައްޕަ ކީކޭ ބުނާނީ... ނަހުޒާން ބުނާގޮތަށް ހަދައިގެން ބައްޕަ މިއުޅެނީ... ބައްޕަ ނަޒާނަށް ކާރު ދޭން އުޅުމުންވެސް ނަހުޒާން މާ ބޭނުންވީމަ ދިނީ... ބައްޕަ އެކަމަކު ވަރަށް ދެރަވޭ މަންމަވެސް އަބަދު ދައްކަނީ ބައްޕަ ނަޒާނަށް އެއްވެސް ކަމެއް ނުކޮށްދޭ ވާހަކަ... ނަޒާންގެ ވެސް އެންމެ ބޮޑު ދުޝްމިނަކީ ބައްޕަ" ސަމީރުގެ އަޑުގައި ވަނީ ހިތާމަވެރި ރާގެކެވެ.
އިތުރަށް އަޑުއަހަން ބޭނުން ނުވެގެން ނަޒާން ދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ ލައިގެން ހުރި ގަމީސް އެނދުމައްޗަށް އެއްލައިލިއެވެ. އަދި ބާރުބާރަށް ކޮޓަރިތެރޭ ދެކޮޅުން ދެކޮޅަށް ހިނގަން ފެށިއެވެ. އޭނާއަށް މިރޭ އެއްވެސް ކަމެއް ވިސްނޭހެންނެއް ހިޔެއް ނުވެއެވެ. އިރުކޮޅަކު އެހެން އުޅުމަށްފަހު މޭޒު ކައިރީ އިށީންދެ ހައެއްކަ ގަނޑުގައި އެގޮތް މިގޮތަށް އެއްޗެހި ތަކެއް ކުރެހިއެވެ. ކުރަހައިގެންވެސް ހަމަޖެހުމެއް ނުލިބުމުން ރުޅި އައިސްގެން ފަންސުރު މުށިތަކު މައްޗަށް އެއްލައިލިއެވެ. ނަޒާންގެ ހިތުގައި މިހާރު އެވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ.
ގޭތެރޭގައި މިހުރިހާ ދުވަހު މިވަމުން ދިޔަ ގޮތް ވިސްނިއްޖެ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި އޭނާ އެންމެ ބޮޑަށް ހޯދަން ބޭނުންވި އެކެވެލިކޮޅުގެ ވެރިފަރާތް ވެސް އެނގިއްޖެ އެވެ. އޭރު ފެންނަމުން ދިޔަ ނުބައި ހުވަފެންތަކުގެ ހަގީގަތްވެސް އެނގިއްޖެ އެވެ. ހުރިހާ ކަމެއް އޭނާގެ ކުރިމައްޗަށް މިއައީ އެއްފަހަރާއެވެ. ހުރިހާ ހަގީގަތަކާ ކުރިމަތިލާނެ ހިތްވަރު އެހަށީގައި އެބަހުރި ހެއްޔެވެ؟
ދުވަހަކުވެސް ޝައިލާގެ ދުލުން އެހާދިސާގެ އަޑެއް ނީވެއެވެ. ނަމަވެސް އެތައް ފަހަރަކު އެކަމުގެ އިޝާރާތްތަކެއް އޭނާ ވަނީ ދީފައެވެ. "އެހެން ނުވިނަމަ" އޭ އެތައް ފަހަރަކު ވާހަކަތަކުގެ ތެރެއިން ވަނީ އިވިފައެވެ. އަދި ދުވަހަކުވެސް ހަޔާތަށް ފިރިހެނަކު ނުގެނައުމަށް ޝައިލާ ނިންމި ނިންމުމުގެ ހަގީގަތަކީ ވެސް އެއީކަން ވިސްނިއްޖެ އެވެ.
އެހުރިހާ ކަމެއް އެއްފަރާތުގައި އޮއްވައި، ޝައިލާގެ ރައްކާތެރިކަމަށް ވެސް އޭނާ ވިސްނަން އެބަޖެހެއެވެ. އިމާދު މިރޭ އެދިޔައީ އޭނާއަށް ވަރުގަދަ އިންޒާރެއް ދީފައެވެ. ބޯ ފަޅައިގެން ދާން ކައިރިވުމުން ނަޒާން ގޮސް ފާރުގައި ބޮލުން ޖެހިއެވެ. ވީ ތަދުން ނަޒާން އެނދުމައްޗަށް ވެއްޓިގަތެވެ.
***
މިއަދަކީ ސަމާހު އާއި ޖުމާގެ ކައިވެނި ކުރެވޭ ދުވަހެވެ. ހެނދުނާ ހޭލައިގެން ޝައިލާ އާއި ސުމާ ތައްޔާރުވީ މިރެއަށް ހާއްސަ ހެދުން ބަލާ ދިއުމަށެވެ.
"މަޑުކޮށްބަލަ ޒާންއަށް ގުޅާލަން" ގެއިން ނިކުންނާން ދަމުން ޝައިލާ ބުނެލިއެވެ.
"ދެން ހަމަ ބުނެފަ ނޫނީ މިހާރު ގެއިން ބޭރަށް ފިޔަވަޅެއްވެސް ނޭޅޭތަ؟" ތުން ދަމައިލަމުން ސުމާ ބުނެލިއެވެ. ޝައިލާ ހީލުމަށްފަހު ފޯނު ކަންފަތުގައި ޖަހައިގެން ދުރަށް ޖެހެލިއެވެ. ނަޒާން ނިދި އަޑުން "ހަލޯ" އޭ ބުނެލި އަޑު އިވުނެވެ.
"ޒާން ޝައި މިދަނީ ހެދުން ބަލާ އިނގޭ ފަހާކުއްޖާ ކައިރިއަށް" އިތުރު އެއްވެސް ވާހަކައެއް ނުދައްކާ ބުނަން ބޭނުންވި ޖުމްލަ އަވަހަށް ޝައިލާ ބުނެލިއެވެ. ދަނީ ކިހާ ހިސާބަކަށްތޯ އެހުމަށްފަހު ނަޒާން ފޯނު ބޭއްވިއެވެ.
"ދެން ހަމަ ރިޕޯޓު ކުރަން ޖެހޭތަ؟ ބިޓެއް ނެގިޔަސް ތީބޮޑުވަރު" ޝައިލާ އައިސް ހުއްޓުމުން ސުމާ ބުނެލިއެވެ.
"ދެން އޭނަ ބުނާށޭ ބުނާތީ... ޕްރޮޓެކްޓިވް ޔޫ ނޯ؟" އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ޝައިލާ ބުނެލިއެވެ. އަދި ދާން ހިނގައިގަތެވެ.
"އޭނައަށް ހުރިހާ ވާހަކައެއް ކިޔާދޭންވީނު؟" ޝައިލާގެ ފިޔަވަޅު ހުއްޓުނީ ސުމާ ބުނި ޖުމްލައިންނެވެ. ލަސްލަހުން ޝައިލާ ފަހަތް ބަލައިލިއެވެ.
"ޝައި ކުރިން ބުނަން ޖެހޭނެ... އެއީ ކުޑަކަމެއް ނޫން... އޭރުންދޯ އޭނަ ބޭނުންވާ ގޮތާ ދެކޭގޮތް އެނގޭނީވެސް" ޝައިލާގެ އަތުގައި ހިފައިލަމުން ސުމާ ބުނެލިއެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައީ ވަރަށް ސިއްރުންނެވެ.
"ސުމް އެއީ ޝައިގެ ކުށެއް ނޫނޭ..." ސުމާ ބުނި ޖުމްލައިން ޝައިލާގެ ހިތުގައި ޖެހިއްޖެ އެވެ.
"ޝައި ފަހުން ދެމީހުން މާބޮޑަށް އެޓްރެކްޓްވެގެން ދުރުނުވެވޭ ހިސާބަށް ގޮސްފަ ނަޒާން އެކަން އެކްސެޕްޓް ނުކޮށްފިނަމަ މާ ދެރަވާނެ" ސުމާ ބެލީ ޝައިލާއަށް ވިސްނައިދެވޭތޯ އެވެ.
"ކީއްވެ އެކްސެޕްޓް ނުކުރާންވީ؟ ހީ ލަވްސް މީ" ޝައިލާގެ ލޯ މިހާރު އެވަނީ ފެންކަޅިވެފައެވެ.
"އެކަމަކުވެސް ޔޫ ހޭވް ޓު... ހިތްވަރުކޮށްލާފަ ޝައި..." ޝައިލާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލައިދެމުން ސުމާ ބުނެލިއެވެ. ދެފަހަރަކު އެސްފިޔަ ޖަހައިލުމަށްފަހު ޝައިލާ ބޯޖަހައިލިއެވެ. އަދި ކުރިއަށް ދާން ހިނގައިގަތެވެ.
***
އާއިލާގެ ހުރިހާ މެމްބަރުން ތައްޔާރުވަމުން ދިޔައީ މިރޭ އޮތް ކައިވެނި ޕާޓީއަށެވެ. ޝައިލާ އަދިވެސް ހުރީ ހެދުން ނުލައި ދެކޮޅުން ދެކޮޅަށް ހިނގާށެވެ. ސުމާ އިނީ ރައްޓެހި ކުއްޖަކު ގެނެސްގެން މޭކްއަޕް ކުރާށެވެ.
"ޝައި ދޭބަލަ ދެން ހެދުން ލައިގެން އަންނާން" ސުމާ ގޮވައިލިއެވެ. ނަމަވެސް ޝައިލާ އިނީ ޕާޓީއަށް ދާން ބޭނުން ނުވެފައެވެ.
"ޖުމާ ފުރޭތަ މިގެއަށް އަންނަން އުޅޭތީ ހާދަ ފޫއްސޭ" ތުންދަމައިލަމުން ޝައިލާ ބުނެލިއެވެ.
"ދެން ތިވާހަކަ ދައްކާނީ ފަހުންނޭ... ޝައި ޖެހޭނެ ވަރަށް ރީތިވެލަން މިރޭ" ޝައިލާގެ މޫނަށް ބަލައިލަމުން ސުމާ ބުނެލިއެވެ.
އިރުކޮޅަކު ވިސްނަން އިނުމަށްފަހު ޝައިލާ މިރޭ ލާން ހަމަޖެހިފައިވާ ހެދުން ލައިގެން އައިސްފިއެވެ. ރަތްކުލައިގެ މެކްސީ ހެދުމުގައި ޝައިލާ ފެންނަލެއް ނިކަން ރީއްޗެވެ. މޭމަތި ޖަރީކުރަން ހަރުކޮށްފައި ހުރި އެސްތަކުގެ ސަބަބުން އެހެދުމުގެ ރީތިކަން އަދި އިންތިހާއެވެ. އެކުލައަކީ ޝައިލާގެ ހަންގަނޑާ ވަރަށް ގުޅޭ ކުލައެކެވެ. ސުމާ ނިމުމުން ޝައިލާވެސް މޭކްއަޕްކޮށް ޕާޓީއަށް ދިއުމަށް ތައްޔާރުވެއްޖެ އެވެ. ޝައިލާގެ މޫނުމަތީ ފަނޑު މޭކްއަޕެއް ކޮށްފައި ހުރިއިރު އިސްތަށިގަނޑު ވަނީ ދެކޮނޑުމައްޗަށް ވައްޓާލައިފައެވެ.
"މިރޭ ނަޒާން ހޭނެތޭނެ..." ޝައިލާ ފެނުމުން ސުމާ ބުނެލިއެވެ.
"މިރޭ ސުމާއަށް ވެސް ބިޓެއް ލިބޭނެހެން ހީވަނީ" ސުމާގެ ސަމާސާގައި ބައިވެރިވެލަމުން ޝައިލާ ބުނެލިއެވެ.
"އަވަހަށް ހިނގާ ދާން މަންމަ ބުނީ ގާޒީވެސް އައިސްފިއޯ... ސައިކަލަށް އެރޭނެތަ؟" އަވަހަށް ދާން ހިނގައިގަންނަމުން ސުމާ އަހައިލިއެވެ. ބޯ ޖަހައިލަމުން ޝައިލާ ހިނގައިގަތީ ނަޒާނަށް މެސެޖެއް ކޮށްލަމުންނެވެ.
ސުމާ އާއި ޝައިލާ ދަރުބާރުގެ ދޮރުމަތީގައި މަޑުކޮށްލީ ނަޒާން މިއަންނަނީއޭ ބުނުމުންނެވެ. ސުމާ ހުރީ ކައިވެނި ކުރާތަނަށް ދާން ނިކަން ބޭނުންވެފައެވެ.
"ޝައި މަޑުކުރޭ އިނގޭ ސުމް ބޭނުން ކައިވެނި ކުރާތަނުގަ ހުންނަން" މިހެން ބުނުމަށްފަހު ސުމާ ގޮސް އެތެރެއަށް ވަދެއްޖެއެވެ. ޝައިލާ މަޑުކުރީ ނަޒާން އަންނަންދެންނެވެ.
ކައިވެނިކޮށް ނިމިގެން ޕާޓީ ފެށިއްޖެ އެވެ. ދަރުބާރުގޭގެ ފާށަނާ މާލަމް ވަނީ އޮރެންޖު ކުލައިގެ ބޮކިތަކުން ދިއްލާލާފައެވެ. އެކިކަހަލަ މާމެލާމެލިން މުޅި ހޯލުތެރެ ވަނީ ޒީނަތްތެރިކޮށްފައެވެ. ކައިވެނިކުރެވުނު ޖޯޑު އެމީހުންނަށް ހާއްސަކުރެވިފައިވާ ތަނުގައި ހުއްޓިލައިގެން މެހެމާނުންނާ ސަލާމް ކުރަމުން ދިޔައެވެ. ސުމާ އިނީ ޝައިލާ އަންނާނެ އިރަކަށް އިންތިޒާރުކޮށްގެންނެވެ.
މިހެން އިންދައި އެތެރެއަށް ވަދެގެން އައި ނަޒާން ފެނުމުން ސުމާ އެދިމާލަށް ދުއްވައިގަތެވެ.
"ކޮބާ ޝައި؟" ހާސްވެފައި ހުރެ ނަޒާން އަހައިލިގޮތުން ސުމާގެ ހިތުގައި ހީވީ މީހަކު ވިކައިލިހެންނެވެ.
"ޝައި ބޭރުގަ މަޑުކުރީ ޒާން އައީމަ ވަންނަންށޭ ކިޔާފަ... ނެތްތަ؟" އިވެމުންދިޔަ މިއުޒިންގެ އަޑުން ކަންފަތުގައި އަތް އަޅައިލަމުން ސުމާ އަހައިލިއެވެ.
"އޯއެމްޖީ އަނެއްކާ މާ މީހުންގިނަވީމަ ހާސްވެގެން ތަނަކަށް ދިޔައީތަ؟" ދެލޯ ބޮޑުކޮށްލަމުން ސުމާ ބުނެލިއެވެ. އަދި އެކި ދިމަދިމާލަށް ބަލަން ފެށިއެވެ. ނަޒާން ވެސް ބޮލުގައި އަތް އެޅުމަށްފަހު އެކި ދިމަދިމާލަށް ނަޒަރު ހިންގަން ފެށިއެވެ. ޕާޓީ ފެށުނު ވަގުތުކަމުން މީހުން އެހާ ގިނައެއް ނޫނެވެ. މިހެން ހުއްޓައި ނަޒާންގެ ފޯނަށް މެސެޖެއް އައުމުން ބަލައިލިއެވެ.
"ގޭމް އޮން" އެމެސެޖު ފެނުމުން ނަޒާންގެ ފައިން ބިންގަނޑު ދެމިގަތް ކަހަލައެވެ. ދެލޯ ބޮޑުވެ މޫނުމަތިން ދާހިއްލަން ފަށައިފިއެވެ.
"ޒާން ހިނގާ ބޭރަށް ފެނޭތޯ... މިތާ އެތެރެއަކު ނެތް..." ނަޒާންގެ އަތުގެ މުލައްދަނޑީގައި ހިފައިލަމުން ސުމާ ބުނެލިއެވެ.
"ނޫން ސުމް މަޑުކުރޭ.... އަހަރެން އަންނާނަން" މިހެން ބުނުމަށްފަހު ފަޔަށް ބާރުލާފައި އައިކޮޅަށް ނަޒާން ދުއްވައިގަތެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް