މައްސަލަ ހޫނުވެ، އެންމެ ފަހުން އިސްގާޒީ ހައިލަމް މައާފަށް އެދިއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އ...

04 Nov 2019 | 19:34

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އޭނާ މައާފަށް އެދިވަޑައިގެންފައެވެ.

ހައިލަމް ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ކްރިިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ހިމެނޭ ފޮޓޯއެއް ޕޯސްޓުކުރީ އެ ފޮޓީގައި ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ހުރިކަން އެނގުމުން ކަމަށެވެ. އަދި އެ ފޮޓޯ ޕޯސްޓުކުރިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކުރެހުމުގައި ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ހައިލަމްގެ ބަޔާނުގައި ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ އެފޮޓޯގައި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަކަށް އޭނާއަށް ވިސްނާލެވިފައިވެސް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދިވެހި އެންމެހާ ރައްޔިތުންގެ އަރިހުން ނިޔާހަތަށް މައާފަށް އެދޭ ކަމަށެވެ.

ހައިލަމް ވިދާޅުވީ އޭނާ އެ ފޮޓޯ ޕޯސްޓުކުރި ވައިބާ ގްރޫޕަކީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ޕްރައިވެޓު ވައިބާ ގްރޫޕެއް ކަމަށްވާއިރު އޭނާ އެ ފޮޓޯ ޝެއާކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން ވަކިން ހާއްސަކޮށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން އޭނާ ބަލަމުންދާ މައްސަލައަކަށް (ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ) ނުފޫޒު ފޯރުވުމުގެ ގޮތުން އެ މައްސަލާގައި ހައިލަމް ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކާފައިވާތީ އެ އަމަލަކީ ކޯޓުގައި ކުރިއަށްދާ މައްސަލައަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން އޭނާ ކުރަމުންދާ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށެވެ.

ހައިލަމް ކޮށްފައިވާ އެ ޕޯސްޓުގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.

އެ ކުރެހުމުގައި ލިޔެފައިވަނީ "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" މިހެނެވެ.

ހައިލަމް ވިދާޅުވީ މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް އެއްވެސް އިރެއްގައި އެއްވެސް ސިފައެއްގައި މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް