މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު ކުށްވެރި ކުރަން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފަސްޖެހިވަޑައިގަތުމުން މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަައީދު ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އަދި އިސްރާ އާއި މިއުރާޖަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭ ވާހަކައެއް ކަމަށް ބުނެފައި ވެއެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށްވެސް ވަކާލާތު ކޮށްފައި ވެއެވެ.
އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަމާއި ގުޅޭގޮތުން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ވަކިން ހާއްސަކޮށް އިސްލާމީ ވެރިކަމެއްގައި ސަރުކާރުގެ އެއްވެސް ވެރިޔަކު އެއްޗެއް ވިދާޅުނުވާތީ އެކަމާ އާއްމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މި ރިޕޯޓުގެ މައްސަލަ ފެންމަތިވެ، ދެތިން ދުވަސް ވެފައި ވަނިކޮށް ކުއްލިއަކަށް މިރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަކީ އެންމެ މާތް އަދި އެންމެ ތަހުޒީބު ދީން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށްޓަކައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދުގެ އެ ވާހަކައަށް ރައްދު ދެއްވާ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ ވާހަކަ ނަޝީދު ވިދާޅުވާއިރު ސިލްސިލާ ގޮތެއްގައި ދީނަށް ފުރައްސާރަ ކުރާ ބައެއްގެ އަމަލު ނަޝީދު ކުށްވެރި ކުރަން ފަސްޖެހިވަޑައިގަންނަވަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.
http://<a href="https://twitter.com/em_saeed/status/1180523752825556992?s=20"></a>
އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް