އައްޑޫ ސިޓީގައި ތަޅާ އަނިޔާކޮށް ބޮލަށް ސައިކަލެއްގެ ތަޅުދަނޑި ކޮއްޕާލައި އެއްލާލާފައި އޮތް މީހަކަށް ފަރުވާ ދެމުން އެބަދެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިރޭ 07:00 ހާއިރު އައްޑޫ ސިޓީ ހުޅުދޫގެ ފްލެޓް ސަރަހައްދުގައި ޒަޚަމް ތަކަކާއެކު މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވެއެވެ.
"އަނިޔާ ލިބިފައިވާ މީހާގެ ބޮލުގަ އެއްޗަކުން ޖަހައި ބޯ ފަޅާލައި، ގައިގަ އެކި ތަންތާ ތަޅާފައިވާކަމުގެ ނިޝާންތައް ފެންނަން ހުރި، ހުޅުދޫ ހެލްތު ސެންޓަރުގައި އޭނާއަށް މިހާރު ދަނީ ފަރުވާ ދެމުން" ފުލުހުން ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތުދެމުން ހުޅުދޫ ހެލްތު ސެންޓަރުން ބުނީ ޒަޚަމްވެފައިވާ އެމީހާގެ ބޮލަށް ކޮއްޕާލާފައިވަނީ ސައިކަލެއްގެ ތަޅުދަނޑިއެއް ކަމަށެވެ. އަދި ތަޅާ އަނިޔާކޮށްފައިވާކަމަށެވެ. ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށެވެ. އެހެން ނަމަވެސް ބޮލުގެ އެކްސްރޭއެއް ހަދަން ޖެހޭތީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މިހާރު ފޮނުވާލާފައިވާކަމުގައި ހުޅުދޫ ހެލްތު ސެންޓަރުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށާއި މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް