އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެންޑީއެމް) އިން ނެރުނު ރިޕޯޓަކީ ފަސާދައިގެ އަމަލެއް ކަމަށާއި ފިޔަވަޅު އަޅަންޖެހޭ ކަމުގައި ގއ. ގެމަނަފުށީ ކައުންސިލާރި އެ ރަށުގެ ރައްޔިތުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމްޑިއެން އިން އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާތީ ގެމަނަފުށި ކައުންސިލުން އެ ފަސާދައިގެ އަމަލު ކުށްވެރި ކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.
"މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓްގައި އިސްލާމް ދީނާއި، މާން ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ، އެކަން މިރަށުގެ ރައްޔިޔުންނާއި މިކައުންސިލުން ކުށްވެރިކުރަމެވެ. އަދި މި އަމަލަކީ އެ ޖަމިއްޔާއިން ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމުގައިވެސް މިރަށުގެ ރައްޔިތުންނާއި، މި ކައުންސިލުން ދެކެމެވެ." ގެމަނަފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެޖަމިއްޔާއިން ނެރުނު ރިޕޯޓްގައި މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކުރުމުގެ އިތުރުން، ކީރިތު ގުރުއާނުގެ ނައްސުތަކުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރު ކޮށްފައިވުމަކީ، މުސްލިމުންގެ ގޮތުގައިތިބެ އެޖަމިއްޔާއިން ކޮށްފައިވާ ފަސާދައިގެ އަމަލެއްކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ.
"ކަން މިހެން ހުރުމާއެކު، ޖަމިއްޔާތަކާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގައިވާ ފަދައިން އިސްލާމްދީނަށް އިހާނެތޮކޮށް ހިތުމަށް ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް ނުވަތަ އެކަމަށް އުނިކަމެއް ގެނައުމަށް ދިވެހިރާއްޖޭގައި ޖަމިއްޔާތައް ހިންގުމަކީ މަނާކަމަކަށް ވީހިނދު، ދިވެހިރާއްޖޭގެ ޖަމިއްޔާތަކާބެހޭ ގާނޫނާއި ހިލާފު މި އަމަލު އެމްޑީއެން އިން ކޮށްފައިވާތީ، އެފަރާތާމެދު ވަގުތުން ފިޔަވަޅު އެޅެނންޖެހޭނެކަމުގައިވެސް މި ރަށުގެ ރައްޔިތުންނާއި، މި ކައުންސިލުން ދެކެމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެހެންކަމުން އެމްޑީއެން އިން މި ހިންގި އިސްލާމް ދީނާ ހިލާފު ދަށު ދަރަޖައިގެ އަމަލުތައް ބައްލަވައި، މި އަމަލުތައް ހިންގި ފަރާތްތަކާއި، އެޖަމިއްޔާއަށް ފިޔަވަޅު އަޅުއްވައި ދެއްވުން، ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ ކިބައިން އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް