ދީނީ އެއްބައިވަންތަކަން ދަމަހައްޓަން ކުރާ މަސައްކަތަށް ޖަމިއްޔާތަކުން އެއްބާރުލުން ދިނުމަށް އެދިއްޖެ

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ރާއްޖޭގައި ހެދިފައިވާ ޖަމިއްޔާތަކުން އެއްބާރުލުން ދިނުމަށް ޔޫތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. މީގެކުރ...

05 Oct 2019 | 13:10

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ރާއްޖޭގައި ހެދިފައިވާ ޖަމިއްޔާތަކުން އެއްބާރުލުން ދިނުމަށް ޔޫތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މީގެކުރިން ހޯމް މިނިސްޓްރީގެ ބެލެމުގެ ދަށުން ކުރިއަށް ގެންދިޔަ ޖަމިއްޔާތަކުގެ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.

ޖަމިއްޔާތަކުގެ ބެލެނެވެރި ފަރާތުގެ ހައިސިއްޔަތުން ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 2016ވަނަ އަހަރު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓަކާއި މެދު އޭރުގެ ސަރުކާރުން ފިޔަވަޅެއް އަޅާފައި ނުވާކަން މިއަދުގެ ސަރުކާރުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ބުނީ ރާއްޖޭގައި ހެދިފައިވާ އެންމެހާ ގާނޫނުތަކަށް އިހްތިރާމް ކުރުމަށްވެސް ހުރިހާ ޖަމިއްޔާތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވަނީ ރާއްޖޭގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާ ކުރުމަށް ހިންގާ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ފަރާތްތަކުން އެކަން ކުރަނީ ވަރަށް "ސަޅި އަދި ކޫލް" ކަމެއްގެ ގޮތުގައި ކަމަށް ވީނަމަވެސް އެއީ އެއްވެސް "ސަޅި އަދި އެއްވެސް ކޫލް" ކަމެއް ނޫން ކަމަށްވެސް މިނިސްޓަރު މަހްލޫފު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް