ވެރިކަމުގައި ހުންނެވި ދުވަސްވަރު އ.ދ ގައި ތަގުރީރު ކުރައްވަން ވަޑައިނުގެންނެވީ ގައުމުގެ ކަންކަން ހަމަޔަކަށް އަޅުވަން ބޭނުންވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ވެރިކަމުގައި ފަސް އަހަރުގެ ދައުރެއް އެމަނިކުފާނު ނިންމާލެއްވީ އެންމެ އަހަރެއްގައިވެސް އދ.ގައި ތަގުރީރު ކުރައްވަން ވަޑައިގެން ނުގޮހެވެ.'
ތުލުސްދޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅުގައި ކ. ހިންމަފުށީގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު އދ.ގެ ދަތުރުފުޅު ދިމާވީ ހައްޖު މޫސުމާއި ކަމަށެވެ. އަދި އެފަހަރު އިސްކަން ދެއްވީ ހައްޖުގެ އަޅު ކަމަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ދެވަނަ އަހަރު އދ.ގެ ދަތުރުފުޅު ދިމާވީ މެއިޑޭއާ ކަމަށެވެ. އަދި އޭރު ގައުމުުގެ ހާލަތު އޮތީ ގައުމު ދޫކޮށް ރައީސް ވަޑައިގެންނެވޭ ހާލަތަށްވުރެ ދަށް ހާލަތެއްގައި ކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑާއި އެއްކޮޅަށް ތިބި މީހުން ވެސް އަދި ސިޔާސީ ވާދަވެރިން ވެސް އަޅުގަނޑަކަށް ހިތްފަސޭހަކަމާއެކީ ރައްޔިތުންނަށް ހިދުމަތް ކުރަން ނުދޭ ފަސް އަހަރުތެރޭގައި. ހަމަ އެކި ކަހަލަ ކަންކަމުގައި ދަތި އުނދަގޫ ކުރަމުންދިޔައީ. އެހެންވީމާ އ.ދ އަށް ދިޔުމަކީ ދެވަނަ އަށް ކުރަން ޖެހުނު ކަމެއް ކަމަށް ދެކުނީ. ފުރަތަމަ މުހިއްމީ ރާއްޖެ ހަމަޔަކަށް އެޅުވުމާއި ރައްޔިތުން ކައިރީ ހުރެގެން، ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުން" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު އ.ދ އަށް ނުދިޔަ ނަމަވެސް ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އ.ދ ގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުވި ކަމަށާއި އ.ދ އަށް ގޮސްގެން ތަގުރީރު ކުރާއިރު ނުދެއްކޭ ކިތަންމެ ވާހަކައެއް އެ ބައްދަލުވުމުގައި ސެކެޓްރީ ޖެނެރަލްއާ ދެކެވުނު ކަމަށެވެ.
ރައީސް ޔާމީން އދ.އަށް ވަޑައިގެންފައި ނުވާއިރު އެމަނިކުފާނުގެ ބަދަލުގައި ފޮނުއްވީ ވަޒީރުންނެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް އދ.ގައި ތަގުރީރު ކުރައްވަން ވަޑައިގަތީ ރައީސް ސޯލިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް