މުޖުތަމައުއެއް ހަރުދަނާވެ، ކުރިއަރާ ތަރައްގީވާނީ ޒަމާނީ ތައުލީމަށް ލޯ ހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަހަރު އދ.ގެ ތަޢުލީމާއި ސައެންސާއި ޘަޤާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ)އިން މުދައްރިސުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު" މިއެވެ. މި ޝިއާރަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ޝިއާރުން އެނގިގެން ދަނީ ގައުމުގެ ކުރިމަގުގެ ޖީލުތައް ބިނާކުރުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާއަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރާއި، ޒުވާން މުދައްރިސުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ވަރުގަދަކަމާއި، އުފުލަންޖެހޭ ޒިންމާ ބޮޑުކަން ކަމަށެވެ. މީގެ އިތުރުން ތަރައްޤީއާ ފައި ހަމަވާ ގޮތަށް، އެ މުޖްތަމައެއް ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ، ޒަމާނީ ތަޢުލީމަށް ލޯހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެންކަން ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި، ހިދުމަތުގައި މިހާރު ތިއްބެވި މުދައްރިސުންގެ ތެރޭގައި ޒުވާނުން މަދުނޫންކަން ފާހަގަކުރައްވައި ވިދާޅުވީ ތައުލީމީ ދާއިރާއާ ކޮންމެ އަހަރަކު އަލަށް ގުޅޭ މުދައްރިސުންގެ ބޮޑު އަގުލަބިއްޔަތަކީ ވެސް ޒުވާނުން ކަމަށެވެ. އަދި މިހާރު ތަމްރީންވަމުން އަންނަ މުދައްރިސުންގެ ތެރޭގައިވެސް، ޒުވާނުންގެ ނިސްބަތް ވަރަށް މަތިކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ނިޝާނެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ތައުލީމީ މުއައްސަސާތަކުގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ، ދަރިވަރުން ހާސިލްކުރާ މަތީ ދަރަޖައިގެ ސަނަދުތަކެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ބަދަލުގައި ކާމިޔާބަކީ، އެތަންތަނުން ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި އުފެދޭ ޝަހުސިއްޔަތުގެ ހަރުދަނާ ކަމާއި އެދަރިވަރުން އަނެކުންނާ މުއާމަލާތުކުރާ ގޮތާއި ގައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުންނަ ހުޝިޔާރު ކަންފަދަ ކަންތައްތައްކަން ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މުދައްރިސުންގެ ދުވަހެއް ފާހަގަކުރާއިރު، ތައުލީމީ ކޮންމެ މުއައްސަސާއަކުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެފަދަ ދަރިވަރުންތަކެއް އުފެއްދުމަށްކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ، ހަމައެކަނި ކިޔަވައިދިނުމެއް ނޫންކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިހާރުގެ ތައުލީމީ ސިޔާސަތަކީ ރަނގަޅު ތައުލީމް ލިބިފައިވާ، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމާއި ހުނަރުވެރި އުފެއްދުންތެރި ފަރުދުންތަކެއް މުޖްތަމައަށް ނެރެދިނުމާއި ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުން ކަމަށެވެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން، މި ސިޔާސަތުތަކަށް ހާއްސަ އިސްކަމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އިލްތިމާސްކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް