މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގައި ހުރީ ދީނަށް ފުރައްސާރަ ކޮށްފައި ކަމަށާއި އެ މައްސަލައަކީ ތަހުގީގު ކުރެވެންޖެހޭ މައްސަލައެއް ކަމަށްބުނެ އަދާލަތު ޕާޓީން އެ މައްސަލަ ތަހުގީގު ކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކަށް ގޮވާލައިފިއެވެ.
އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނާއި ޖަމިއްޔާތަކާއި ބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ދަށުން މަނާ ކުރެވިފައިވާ ކުށެއް ކަމަށެވެ.
"މި ދެންނެވި ރިޕޯޓަކީ 2016 ވަނަ އަހަރު އާންމު ކުރެވި، އަދި އޭގެ ފަހުން 2019 ވަނަ އަހަރު އަނބުރާ ގެންދެވިފައިވާ ރިޕޯޓެއްކަމުގައި ވިޔަސް މި ރިޕޯޓަކީ ދިވެހިރާއްޖޭގެ ހާލަތުކަމަށް ސިފަކޮށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ހިއްސާކުރެވިފައިވާ ރިޕޯޓަކަށްވެފައި މި ރިޕޯޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އިންތިހާޔަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާތީ ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމުގައި ޢަދާލަތު ޕާޓީން ދެކެމެވެ." އަދާލަތު ޕާޓީން ބުންޏެވެ.
އަދާލަތުން ބުނީ އެމްޑީއެންގެ ރިޕޯޓުގައި ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިން ހިމެނޭގޮތުން ބައެއް އާންމުންނާއިމެދު ދީނީ ހިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއްނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާކަން ފާހަގަކުރެވޭތީ އެއީވެސް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ބަލަންޖެހޭ މައްސަލައެއް ކަމުގައި އެޕާޓީން ދެކޭ ކަމަށެެވެ.
"ހަމަ އެހެންމެ މި ރިޕޯޓުގައި ދީނާއި ދައުލަތާއި ރައްޔިތުން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން ފާހަގަކޮށްފައި ވުމަކީ ޤައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ މިކަމާ މެދު މި ޕާޓީން އިންތިހާޔަށް ކަންބޮޑުވަމެވެ. މި ދެންނެވި ކަންކަން، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް “ސަރޓިފައިކުރެވިފައި ނުވާ” މަދަނީ ޖަމްއިއްޔާއަކާއި ހިއްސާކުރެވިފައިވަނީ ކޮންގޮތަކުންތޯބަލާ ތަހުގީގުކުރުމަށްވެސް އަދާލަތު ޕާޓީން ގޮވާލަމެވެ." އަދާލަތުގެ ބަޔާނުގައިވެއެވެ.
އަދާލަތު ޕާޓީން ބުނީ ޖަމްއިއްޔާއެއްގެ ޝަޚުސުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށެވެ.
އަދާލަތުން މިފަދައިން ބުނެފައިވާއިރު ރޭ ވަނީ މި މައްސަލާގައި ދީނީ އިލްމުވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އަދި އެމްޑީއެން އުވާލުމަށް ގޮވާލާ އެތައް ބަޔަކު މިކަމުގައި އަންނަނީ އަޑު އުފުލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް