ދިވެހިންގެ ތެރެއިން އެކަކުވެސް އިސްލާމްދީނަށް ކުރާ ފުރައްސާރަ އަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ (ސ.އ.ވ)އަށް ކުރާ ފުރައްސާރައަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ގާސިމް މިފަދައިން ވިދާޅުވެފައި ވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އާއްމުން އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައިވުމުގެ އިތުރުން އެ ރިޕޯޓުގައި ވަނީ ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ވެސް ބޭނުންކޮށްފައެވެ.
<a href="https://twitter.com/qasimibrahim/status/1180235635396755456?s=20"></a>
“ޕްލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” މި ނަމުގައި އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ލިޔެފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ކަމަށާއި ކީރިތި ރަސޫލާ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމުގައި ބުނެފައިވެއެވެ.
އެމްޑީއެންގެ މި ރިޕޯޓުގައި ހުރި ކަންކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެ ޖަމިއްޔާއާ ދެކޮޅަށް އަޑު އުފުލަމުން އަންނައިރު އެ ޖަމިއްޔާގެ އިސް މެންބަރެއް ކަމަށްވާ ޝަހިންދާ އިސްމާއީލް އިއްޔެ ޓްވީޓާގައި ވަނީ އެ ޖަމިއްޔާއާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓު ދިފާއުކޮށް ވާހަކަދައްކާފައެވެ. އެކަމާއި ގުޅިގެންވެސް ދީނީ އިލްމުވެރިންނާއި އާއްމު ރައްޔިތުން އަންނަނީ އެ މައްސަލަތައް ބަލައި ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް އެ މައްސަލަ ބަލައި ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް