ސައުދީ އަރަބިއްޔާއާއި ގުޅިގެން ޔަމަނުގައި ހަނގުރާމަކުރަމުންދާ ކޯލިސަންގެ ގައުމުތައް، ހަނގުރާމައިގައި ކުޑަކުދިންނަށް ހަމަލާދީ މަރާ ފަރާތްތަކުގެ ޑްރާފްޓް ލިސްޓުގައި ހިމަނައިފިއެވެ.
ކޯލިޝަންގެ އިތުރުން ޔަމަނު ސަރުކާރުގެ އަޝްކަރިއްޔާއާއި ހޫތީންވެސް ވަނީ ބްލެކްލިސްޓްކުރަން ޖެހޭ ފަރާތްތަކުގެ ޑްރާފްޓް ލިސްޓުގައި ހިމަނާފައެވެ. 2016 ވަނަ އަހަރު ކޯލިޝަނުން ހޮސްޕިޓަލާއި ސުކޫލުތަކަށް ދިން 38 ހަމަލާއެއްގައި 683 ކުދިން ޒަހަމްވެފައިވާކަމަށް މި ޑްރާފްޓުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް ކުޑަކުދިން ރައްކާތެރިކުރުމަށް އުސޫލުތަކެއް ގާއިމްކޮށްފައިވާކަމަށްވެސް މި ޑްރާފްޓުގައި ބުނެފައިވެއެވެ.
ސައުދީ އަރަބިއްޔާއާއި ގުޅިގެން ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ގައުމުތަކަކީ ޔޫއޭއީ، ބަހްރޭން، ކުވޭތު، ގަތަރު، މިސްރު، އުރުދުން، މޮރޮކޯ، ސެނެގަލް އަދި ސޫދަންއެވެ. މި ހަނގުރާމައިގައި ސައުދީ ކޯލިޝަނަށް އެމެރިކާ އަދި އިނގިރޭސި ވިލާތްފަދަ ބޮޑަތި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިންނަމަވެސް އެގައުމުތައް ބްލެކް ލިސްޓްކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމަނާފައެއް ނުވެއެވެ. ކޯލިޝަނުން ހަނގުރާމަކުރަމުން ދާ ހޫތީންނަށް މަދަދުވެރިވާ އީރާން ވެސް ވަނީ ބްލެކް ލިސްޓްކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައެވެ.
ޔަމަނުގައު 2015 ވަނަ އަހަރު ފެށުނު ދާހިލީ ހަނގުރާމާއިގައި މިހާތަނަށް ވަނީ އަށްހާހަށް ވުރެ ގިނަމީހުން މަރުވެ 48000 މީހުން ޒަހަމްވެފައެވެ. މި ހަނގުރާމައިގެ ސަބަބުން 20.7 މިލިއަން މީހުން ވަނީ ހާލުގައި ޖެހި އިންސާނީ އެހީއަށް ބޭނުންވެފައެވެ. އަދި ހަނގުރާމައިގެ ސަބަބުން ފެތުރެންފެށި ކޮލެރާ ހަތް ލައްކައަށް ވުރެ ގިނަމީޙުނަށް ޖެހި ދެހާހަށް ވުރެ ގިނަމީޙުން ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް