އިންޑޮނީޝިއާއިން ދާ ދުމުން ވައި ތަގައްޔަރުވެ، މެލޭޝިއާގެ ސަރަވާކްގައި ކުއްލި ހާލަތު އިޢުލާނުކޮށްފި

އިންޑޮނީޝިއާގެ ޖަންގައްޔެއްގައި ރޯވެފައިވާ އަލިފާނުގެ ދުންގަނޑު ބޯވެ ވައި ތަޣައްޔަރުވުމުގެ މިންވަރު ނުރައްކާތެރި ދަރަޖައަކަށް އެރުމާ ގުޅިގެން މެލޭޝިއާގެ ސަރަވާކް ސްޓޭޓުގެ ސީރިއަން ޑިވިޝަނުގައި ކުއްލި ...

05 Sep 2026 | 06:33
މެލޭޝިއާގެ ސަރަވާކް ސްޓޭޓުގެ ސީރިއަން ޑިވިޝަނުގައި ދުން ބޯވެފައި --

މެލޭޝިއާގެ ސަރަވާކް ސްޓޭޓުގެ ސީރިއަން ޑިވިޝަނުގައި ދުން ބޯވެފައި --

އިންޑޮނީޝިއާގެ ޖަންގައްޔެއްގައި ރޯވެފައިވާ އަލިފާނުގެ ދުންގަނޑު ބޯވެ ވައި ތަޣައްޔަރުވުމުގެ މިންވަރު ނުރައްކާތެރި ދަރަޖައަކަށް އެރުމާ ގުޅިގެން މެލޭޝިއާގެ ސަރަވާކް ސްޓޭޓުގެ ސީރިއަން ޑިވިޝަނުގައި ކުއްލި ހާލަތު އިޢުލާނުކޮށްފިއެވެ.

އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވައިގެ ތެރޭގައި ހިމެނޭ ވިހަ މާއްދާތަކުގެ ނިސްބަތް ޢާންމު ޞިއްޙަތާއި ސަލާމަތަށް ނުރައްކާވެދާނެ ފެންވަރަކަށް މައްޗަށް ގޮސްފައިވާތީ ސީރިއަން ޑިވިޝަނުގެ އެކި ހިސާބުތަކުގައި ކުއްލި ހާލަތު ހިންގެވުމަށް ރަސްގެފާނު ސުލްޠާން އިބްރާހީމް ރުހުން ދެއްވާފައިވެއެވެ. މި ނިންމެވުން އައީ ސަރަވާކް ޑިޒާސްޓާ މެނޭޖްމެންޓް ކޮމިޓީން ރަސްމީކޮށް އެދުމުންނެވެ.

ކުއްލި ހާލަތުގެ އަމުރުގެ ދަށުން އަންނަ ހޯމަ ދުވަހުން ފެށިގެން މަދުވެގެން އެއް ހަފުތާ ނިމެންދެން ސީރިއަންގެ 647 ސްކޫލެއް ބަންދުކުރާނެ އެވެ. އޭގެ އިތުރުން ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތަކާއި ދަނޑު ބިންތަކާއި ކޮންސްޓްރަކްޝަން ސައިޓުތަކާއި ކޮޅައިވެސް ބަންދުކުރެވޭނެ ކަމަށާއި ހިންގާނީ ހަމައެކަނި ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެއާ އެކު ބުރާސްފަތި ދުވަހު ފެށި ތިން ދުވަހުގެ ކްލައުޑް ސީޑިން އޮޕަރޭޝަން މަދުވެގެން ހޯމަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ސަރަވާކް ސްޓޭޓް ޑިޒާސްޓާ މެނޭޖްމެންޓް ކޮމިޓީގެ ޗެއާމަން ޑަގްލަސް އުގާ އެމްބާސް ކޫޗިންގައި ބޭއްވި ނޫސް ކޮންފެރެންސެއްގައި ވާހަކަ ދައްކަމުން ފާހަގަކުރީ ކުއްލި ހާލަތު ހިނގަނީ ހަމައެކަނި ސީރިއަންގައި ކަމަށާއި މުޅި ސްޓޭޓުގައި ނޫން ކަމަށެވެ. ނަމަވެސް ސީރިއަންގެ ރައްޔިތުން މި ޙާލަތު ސީރިއަސްކޮށް ނެގުމަށް އޭނާ އިލްތިމާސްކުރިއެވެ.

ބޯނިއޯ ޖަޒީރާގެ އުތުރުގައި އޮންނަ ސަރަވާކާއި ސަބާ ހިމެނޭ ގޮތުން މެލޭޝިއާގެ އެކި ސަރަހައްދުތަކަށް ހަފުތާތަކެއް ވަންދެން ދުންގަނޑުގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެ އެވެ. ބްރޫނާއީ ފަދަ އެހެން ދެކުނު އިރުމައްޗެ އޭޝިއާގެ ޤައުމުތަކުންވެސް ދުމާ ގުޅޭ ކަންބޮޑުވުންތައް ރިޕޯޓުކޮށްފައިވެއެވެ.

ސިންގަޕޫރުން ހުކުރު ދުވަހުގެ ރެއިން ފެށިގެން ކޮންމެ ދުވަހަކު ދުންގަނޑާ ގުޅޭ އެޑްވައިޒަރީ ނެރެން ފެށީ 2023 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވައިގެ ފެންވަރު ނުރައްކާ ދަރަޖައަށް ވެއްޓުމާ ގުޅިގެންނެވެ. ފިލިޕީންސްގައިވެސް ރައީސް ފާޑިނެންޑް މާކޯސް ޖޫނިއާ ހުކުރު ދުވަހު ވެރިރަށް މެޓްރޯ މެނީލާ އާއި އެތައް ޕްރޮވިންސެއްގައި ސްކޫލްތައް ބަންދުކުރަން އެންގިއެވެ.

އިންޑޮނީޝިއާގެ ޚާއްޞަކޮށް ކަލިމަންތާން ސަރަހައްދާއި ސުމާޓްރާ ޖަޒީރާގައި ރޯވެ އަނދަމުންދާ އަލިފާންގެ ސަބަބުން އުފެދޭ ދުންގަނޑު ބޯޑަރު ހުރަސްކޮށް ސަރަހައްދީ ޤައުމުތަކަށް ފެތުރުމަކީ ކޮންމެ އަހަރެއްގެ ވަކި މޫސުމެއްގައި ކުރިމަތިވާ ގޮންޖެހުމެކެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ހޫނުމިން މި މަހު އެންމެ ބޮޑަށް އެރުމުގެ ފުރުޞަތު އޮތް އިރު އެކަމުގެ ސަބަބުން ސަރަހައްދު ހޫނު ވެ ހިކިވެ ޖަންގަލީގެ އަލިފާން އިތުރަށް ގަދަވެދާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް