ބޮލީވުޑްގައި ކުރިއަރަމުން އައި ބަތަލް ސުޝާންތު ސިން ރާޖްޕުޓް އަމިއްލައަށް މަރުވި މައްސަލަ އިންޑިއާގެ ކްރައިމް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ތަހުގީގު ކުރަމުން ދަނިކޮށް މައްސަލައިގެ މިސްރާބު ކޮންމެސް ވަރަކަށް ބަދަލުވާން ފަށައިފި އެވެ.
އެ މައްސަލަ ސީބީއައި އިން ތަހުގީގު ކުރަނީ ބަޔަކު އޭނާ މަރާލީކަމަށް ބަލައިގެންނެވެ.
ސުޝާންތުގެ މަރުގެ މައްސަލައިގަ އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންދަނީ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާއި ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރުންނަށެވެ. ހާއްސަކޮށް ރިއާގެ އާއިލާގެ ނުފޫޒު ސުޝާންތައް ވަރަށް ބޮޑަށް ފޯރި ކަމަށް ސުޝާންތުގެ އާއިލާއިން ބުނެފައިވެ އެވެ.
ސުޝާންތުގެ މަރާ ގުޅުވާތީ ރިއާގެ ފަރާތުން ވަނީ ސުޝާންތުގެ މަރާއި އޭނާ އާއި އެއްވެސް ގުޅުމެއް ނުވާކަމަށް ބުނެފައި އެވެ. އަދި ކަންކަން ވަރަށް ރަނގަޅަށް ފަހުން ހާމަވާނެ ކަމަށް ބުނެފައި އެވެ.
މި މައްސަލައިގެ މިސްރާބު މިހާރު ވަނީ ބޮލީވުޑްގައި ސުޝާންތާއި ގުޅުވައިގެން ދެކެވުނު ވާހަކަތަކަށްވުރެ ރިއާގެ އާއިލާގެ ތެރެއަށް ބަދަލުވެފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ރިއާގެ ބޭބެ ޝޯވިކް ޗަކްރަބަތީ ވަނީ މަސްތުވާތަކެްޗާއި އެކު ހައްޔަރުކޮށްފައި އެވެ.
އޭނާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް އެއްބަސްވެފައިވާއިރު ރިއާގެ އެދުމަށް މަސްތުވާތަކެތި އޭނާއަށް ދިން ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފައިވެ އެވެ. ސުޝާންތުގެ މަރުގެ މައްސަލައިގެ މިސްރާބު ބަދަލުވީ އެހިސާބުންނެވެ.
ރިއާ މީގެ ކުރިން މީޑިއާގައި ބުނެފައިވަނީ އޭނާ އަކީ އެއްވެސް ވަރަކަށް މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ނޫން ކަމަށެވެ. އެކަމަކު ސުޝާންތު ދުނިޔޭގައި ހުރި އިރު ކޮންމެ ދުވަހަކުހެން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މަރުޖުއާނާ ބޭނުން ކުރާ ކަމަށެވެ.
ސުޝާންތުގެ މަރުގެ މައްސަލަ އާއި ޝޯވިކްގެ ރިއާ އަށް މަސްތުވާތަކެތި ދިން މައްސަަލަ ގުޅުވައި ފުލުހުން ވަނީ އެކަން ހިނގާދިޔަ ގޮތް ތަހުގީގު ކުރަން ފަށާފައި އެވެ. އެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަކުގެ ތެރޭގައި ރިއާ ޝޯވިކްއަށް ފޮނުވި މެސެއް މީޑިއާގައި ވަނީ އާންމުވެފައި އެވެ. އެ މެސެޖުގައި ބުނެފައިވަނީ ސުޝާންތަށް މަރުޖުއާނާ ބޭނުންވާތީ ޝޯވިކް އަތުން ގަންނަން ބޭނުންވާ ކަމަށެވެ.
އެ މުއާމަލާތް ހިނގާފައިވާ ގޮތާއި ފައިސާ ދެއްކި ގޮތުގެ މައުލޫމާތު ފުލުހުން ދަނީ ހޯދަމުންނެވެ. އެކަމަކު މިހާތަނަށް އެ ތަހުގީގަށް އެނގިފައިވާގޮތުގައި މަސްތުވާތަކެއްޗާއި ގުޅޭ އެއްވެސް ފައިސާގެ މުއާމަލާތެއް ޝޯވިކް ބޭންކ އެކައުންޓުު މެދުވެރިކޮށް ކޮށްފައިއެއް ނުވެ އެވެ.
ސުޝާންތު ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ މުމްބާއީގައި ދިރިއުޅޭ އެޕާޓްމެންޓުގައި އެވެ. ސުޝާންތުގެ އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވަނީ އޭނާ މަރުވީ ކަރަށް ބާރުވެގެން ކަމަށެވެ. އަދި މަ މަހެއްހާ ދުވަސް ވަންދެން ޑިޕްރެޝަނަށް ބޭސް ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް