އަހަރެން ދެކޮޅު: ދުންފަތާ ދެކޮޅަށް، މަދަނީ ޖަމިއްޔާތަކުން ގުޅިގެން މާދަމާ ހަރަކާތެއް ބާއްވަނީ

ދުންފަތުގެ ސަބަބުން ސިއްހީ ގޮތުން ދިމާވާ އެކިއެކި މައްސަލަތަކާއި ނުރައްކާތެރި ބަލިތައް އިތުރުވަމުންދާތީ އާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އާއްމު ފަރުރުން ކުރާ މަސައްކަތަށް "ޕެސިވް ސްމޯކިން" ހުރަހަ...

05 Sep 2019 | 13:55

ދުންފަތުގެ ސަބަބުން ސިއްހީ ގޮތުން ދިމާވާ އެކިއެކި މައްސަލަތަކާއި ނުރައްކާތެރި ބަލިތައް އިތުރުވަމުންދާތީ އާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އާއްމު ފަރުރުން ކުރާ މަސައްކަތަށް "ޕެސިވް ސްމޯކިން" ހުރަހަކަށް ވެފައިވާތީ މަދަނީ ޖަމިއްޔާތަކުން ގުޅިގެން މާލޭގައި ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތް އިންތިޒާމުކުރާ ޓީމުން ބުނެފައިވާގޮތުގައި މި ހަރަކާތުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ރާއްޖޭގެ މަގުތައް މަތީގައި ދުންފަތުން އިސްމާލުކުރުން މަނާކުރުމަށް ދުންފަތާއިބެހޭ ގާނޫނަށް އިސްލާހެއް ހުށަހެޅުމަށް މަސައްކަތް ކުރުމެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތައް ތަންފީޒުކުރުމުގައި ތަންފީޒީ އިދާރާތަކަށް ބާރު އެޅުމެވެ. މީގެ އިތުރުން މި ހަރަކާތުގެ އެންމެ ބޮޑު އެއް ބޭނުމަކީ އާންމުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކުރުން ރަނގަޅު ކަމެއްކަމަށް މުޖްތަމައުން ދެކޭ ދެކުން ބަދަލުކުރުމަށް މަސައްކަތް ކުރުން ކަމުގައިވެސް ބުނެފައިވެއެވެ.

މި ހަރަކާތުގައި މަދަނީ 30 އަށްވުރެ ގިނަ ޖަމިއްޔާ ބައިވެރިވެއެވެ. ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00އިން 6:00 އަށް ކާނިވާ ސަރަހައްދުގައެވެ.

މި ހަރަކާތް އިންތިޒާމު ކުރާ، ޖަމިއްޔާތަކުގެ ގުޅިފައިވާ ޓީމުން ދެކޭގޮތުގައި މި މައްސަލައިގާ ދިމާވެފައިވާ ގޮންޖެހުންތައް ގިނަގުނައެވެ. އެގޮތުން ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނަށް ގިނަ ބަޔަކު ބޯ ނުލެނބުމާއި އެފަދަ ގާނޫނުތަކަކީ ރައްޔިތުންނަށް މަންފާއަށްޓަކައި ފާސްކޮށް، ތަންފީޒުކުރަން މަސައްކަތް ކުރާ ގާނޫނުތަކެއް ކަމުގައި ދުންފަތަށް ދެވިހިފާފައިވާ އާބާދީ ގަބޫލު ނުކުރުމާއި ގާނޫނުގައި އެކަންކަމާ ހިލާފަށް އަދަބު ކަނޑައެޅިފައިވާ މި އަމަލާ ގުޅުންހުރި ކަންތައްތަކަކީ އެ އަމަލުތައް ކުރާ މީހުން ކުރާ ކުށެއް ކަމަށް ގަބޫލު ނުކުރުމުގެ އިތުރުން މިފަދަ ގާނޫނުތައް އެކުލަވާލުމުން ރައްޔިތުންނަށް ދަތި އުނދަގޫ ކުރިމަތިވާކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވޭ ކުރެވުމަކީވެސް ބޮޑު ގިންޖެހުމެއް ކަމުގައި މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ހާމަކުރެއެވެ.

މި ހަރަކާތުގެ ތެރޭގައިވެސް އަދި ހަރަކާތް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށްވެސް މި ހަރަކާތް އިންތިޒާމުކުރާ ޓީމުން ވަނީ ކަންތައްތަކެއް ރާވާފައެވެ. އެގޮތުން މި ހަރަކާތް މާދަމާ ކުރިއަށްދާވަގުތު މީޑިއާތަކަށް އިންޓަވިއު ދިނުމާއި "ދުންފަތުގެ ދަތުރު" މިނަމުގައި ޕެސިވް ސްމޯކިންގެ ތަޖުރިބާ  ހިއްސާ ކުރުން ހިމެނެއެވެ.

މީގެ އިތުރުން މި ހަރަކާތް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި މިފަދަ ހަރަކާތްތައް ބޭއްވުމާއި ކަމާގުޅޭ އިދާރާތަކާއި ޖަމިއްޔާތަކުގެ ބޭފުޅުން ގުޅިގެން ހާއްސަ ޕްލޭނެއް އެކުލަވާލައި މީޑިއާ މެދުވެރިކޮށް ހޭލުންތެރި ކުރުވުމާއި އިތުރު ގިނަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާކަމުގައިވެސް މި ހަރަކާތް އިންތިޒާމު ކުރާ ޓީމުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް