ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ޖޭއެސްސީ އަށް ފޮނުވައިފި

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖުޑީޝަލް ސާވިސް ކޮމިޝ...

05 Sep 2019 | 10:06

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖުޑީޝަލް ސާވިސް ކޮމިޝަން ގެ ލަފައަކަށް މިއަދު އެދިވަޑައިގެންފިއެވެ.

ސްޕްރީމް ކޯޓަށް ފަނޑިޔާރު އައްޔަން ކުރަން އުޅެނީ، އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. ޑީޑީ، އެ މަގާމުން ވަކި ކުރެއްވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ކުރިން އޮތީ ހުޅުވާލައިފަ އެވެ. އެ ފުރުސަތު މިއަދު ވަނީ ހަމަވެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން، ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް އެ މަޖިލީހުން ފާސްކޮށްގެންނެވެ.

ގދ. މަޑަވެއްޔަށް އުފަން މަހާޒަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން، މާސްޓަސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑްރަގް ކޯޓު އުފެދުމާ އެކު، އެ ކޯޓަށް ފުރަތަމަ އައްޔަން ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މިހާރު ވަނީ ދެ ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އިއްޔެ ސްޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް