މިއަހަރުގެ "ވޯލްޑް ޓޫރިޒަމް ޑޭ" ނުވަތަ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތައް ދުނިޔޭގެ ރިކޯޑަކާއެކު، ވ. އަތޮޅުގައި ފާހަގަކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ވިދާޅުވީ، ފަތުރުވެރި ކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ރިކޯޑެއް ގާއިމް ކުރުމަށް ސެޕްޓެމްބަރު 27 ގައި، 500 މީހުންނާއެކު ބަރޮސް މޯލްޑިވްސް ރިސޯޓުގެ ފަޅު ތެރޭގައި ފްރީޑައިވް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. މިއީ އެއް ތަނެއްގައި އެންމެ ގިނަ ފްރީޑައިވަރުން އެއްފަހަރާ ފީނުމުގެ ދުނިޔޭގެ ރެކޯޑް ހެދުމަށް ހިންގާ ހަރަކާތެކެވެ.
ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެން ދާނީ ސެޕްޓެމްބަރު 27 ގައި ފެލިދޫ އަތޮޅުގައި ބޭއްވޭ ޖަޒީރާވަންތަ ކެނޯ ރޭހަކުންނެވެ. އެ ރޭހުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން އަންހެން އަދި ފިރިހެން ޓީމަކަށް ބައިވެރިވުމަށް ދައުވަތު ދޭނެއެވެ. ކެނޯ ރޭހުގައި ވ. ކެޔޮދޫއިން ފެށިގެން ވ. ފެލިދޫއަށް އަންހެން ޓީމު ކެނޯގައި ފަލި ޖެހުމަށް ހަމަޖެހިފައި ވާއިރު، ވ. ފެލިދޫއިން ވ. ތިނަދޫއަށް ކެނޯގައި ފަލި ޖަހާނީ ފިރިހެން ޓީމުންނެވެ.
އޭގެ އިތުރުން ވެސް ރަސްމީ ހަރަކާތްތައް ފެށިގެންދާ ދުވަހުގެ ރޭގައި، ވ. ކެޔޮދޫގައި ސަންގު ފުމުމާއި، ހަވާ އެރުވުމުގެ އިތުރުން އެކި ރަށްރަށުން ރޭހުގައި ބައިވެރިވުމަށް އަންނަ ބައިވެރިންނާއެކު ސަގާފީ ކެއުމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. ޓޫރިޒަމް ޑޭ ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް ޖޮބްފެއާ 27 އަދި 28 ސެޕްޓެމްބަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ އެ ފެއާ އޮންނާނީ މާލޭގައެވެ.
އޭގެ އިތުރުން ރ. އަންގޮޅިތީމުގައި ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ އެޅުމަށް ވަނީ ނިންމާފަ އެވެ. މިއީ ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިން ރާއްޖޭގެ ތިމާވެއްޓާއި، ސަގާފަތާއި އެހެނިހެން މައުލޫމާތު ހޯދުމަށް އެކި ސަރަހައްދުތަކުން ސެންޓަރުތަކެއް އެޅުމުގެ މަސައްކަތުގެ ބަޔެކެވެ. ސްކޫލު ދަރިވަރުންނަށް ޓޫރިޒަމް މިނިސްޓްރީއަށް ޒިޔާރަތް ކުރެވޭނެ "އޯޕަން ޑޭ" އަކާއި މާލޭގެ ހުރިހާ ސްކޫލަކަށް ހިންގާ ކުޑަކުދިންގެ ފުޓްބޯޅަ ފީސްޓާއެއް ބާއްވާނެއެވެ. އެ މުބާރާތުގައި ބައިވެރިވާ ކުދިންގެ ތެރެއިން ހޮވާލެވޭ ކުދިންނަށް ގައުމީ ސްކޮޑުން ޖާގަ ދެވޭނެއެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް "ދުބާއީގެ ސްޕެނިޝް ސޮކާ" ސްކޫލުގައި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އެކަންކަމުގައި ސްޕެއިންގެ ކުރީގެ ކުޅުންތެރިޔާ އަދި ރިއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން މިޝެލް ސަލްގާޑޯ ބައިވެރިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ރާޢްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ އިސް ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ސިލްސިލާ މަހާސިންތާގެ ފުރަތަމަ ކޮންފެރެންސް ވެސް މިއަހަރު ބާއްވާނެއެވެ. އެ ކޮންފެރެންސް އޮންނާނީ ޕެރެޑައިސް ރިސޯޓުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް