އެރެއަށްފަހު- ތިން ވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ދުވަސްތައް ފާއިތުވަމުންގޮސް ޝައިލާގެ ހާލު ރަގަޅުވުމުން ދެ ހަފްތާ ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ގެއަށް ދޫކޮށްލިއެވެ. ޝައިލާ އަށް ދިމާވި ބިރުވެރި ހާދިސާ ހިއްސާކުރީ ހަމައެކަނި ފުލުހ...

05 Sep 2019 | 05:54

ކުރީގެ އަދަދާ ގުޅޭ...

ދުވަސްތައް ފާއިތުވަމުންގޮސް ޝައިލާގެ ހާލު ރަގަޅުވުމުން ދެ ހަފްތާ ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ގެއަށް ދޫކޮށްލިއެވެ. ޝައިލާ އަށް ދިމާވި ބިރުވެރި ހާދިސާ ހިއްސާކުރީ ހަމައެކަނި ފުލުހުންނާއެވެ. އޭގެ ފަހުން އެއްވެސް މީހަކު އެކަމާ ސުވާލެއް ނުކުރެއެވެ. ޑޮކްޓަރުގެ ލަފަޔާއި އެކީ އެންމެންވެސް ބެލީ ވަރަށް އުފާވެރި ހަމަޖެހޭ މާހައުލެއްގައި ޝައިލާ ގެންގުޅެވޭތޯއެވެ. ނަފްސާނީ ގޮތުން ވެސް ޝައިލާ މިހާރު ވަނީ ބަލިކަށިވެފައެވެ. ނިދާފައި އޮއްވައި ސިއްސައިގެން ގޮސް ހޭލެވުމާއި، މީހަކު އަތްލިޔަސް ބިރުގަތުން ކަހަލަ ކުދިކުދި ކަންތައްތަކުގެ ޝިކާރައަކަށް ޝައިލާ މިހާރު ވަނީ ވެފައެވެ.

"އަހަންނަށް ފެންނަނީ ކުޑަ ދުވަސްކޮޅަކަށް މި މާހައުލާ ދުރަށް ގޮސްލަން" ކާން އިން ޔާސިރު ބުނެލިއެވެ. އެވަގުތު އެތަނުގައި ޝަހުމާ، ސަމާހްގެ އިތުރުން ޝާއިރާ ވެސް ކާން ތިއްބެވެ.

"ތި ދެމީހުން ދާންވީނު ކޮންމެވެސް ތަނަކަށް... މަ ހުންނާނަން މާލޭގަ ސަމާހު ކައިރީގަ..." ޝާއިރާ ބުނެލިއެވެ.

"މެލޭ އަށް ދާންވީނު ޝޮޕިންގ ކޮށްލަން... ޝައި ވަރަށް ޝޮޕިންގ ކުރާހިތްވާނެ... ގޮސް ނަފްސާނީ ޑޮކްޓަރަކަށް ވެސް ދައްކާލާނީ... ސުމާ ވެސް ހުންނާނެނު އެކޮޅުގަ.." ސަމާހް ހިޔާލެއް ދިނެވެ. ސުމާ އަކީ ޝާއިރާގެ ހަގު އަންހެން ދަރިފުޅެވެ. ސުމާ މެލޭޝިޔާގައި ކިޔަވަން ހުންނަތާ މިއީ ދެވަނަ އަހަރެވެ. އެހިޔާލާއި އެންމެންވެސް އެއްބަސްވިއެވެ.

އޭގެ ދެދުވަސް ފަހުން ޔާސިރު އާއި ޝަހުމާ، ޝައިލާ ގޮވައިގެން މެލޭޝިޔާއަށް ދާން ފުރިއެވެ. ހަމަ އެދުވަހު އެމީހުންނަށް އުފާވެރި ޚަބަރެއް ވެސް ލިބުނެވެ. ޝައިލާ ރޭޕް ކުރި ހަތަރު މީހުންގެ ތެރެއިން ދެމީހަކު ފުލުހުން ހައްޔަރުކުރި ހަބަރާއި އެކީ އެންމެންގެ ހިތްތަކަށް ވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ޝައިލާގެ އިންސާފަށް އެދިއެދި ތިބީ އާއިލާ އާއި ރައްޓެހިން އެކަންޏެއް ނޫނެވެ. މުޅި ރާއްޖެވެސް ދިޔައީ އެކަމަށް އެދެމުންނެވެ. ޝައިލާ އަށް ދިމާވި ހާދިސާ އަކީ ރާއްޖޭގެ ރައްޔިތުން ފުން ހިތާމައަކަށް ގަރަގުކޮށްލި ހާދިސާއެވެ. ކޮންމެ ދުވަހަކު ނޫސްތަކުގައި އާއި މުޅި ސޯޝަލް މީޑިއާގައި އެންމެން އެއްއަޑަކުން ގޮވަމުން ދިޔައީ ޝައިލާ އަށް އިންސާފު ހޯދައިދިނުމަށެވެ.

***

"ނަޒޭ ކައެ ބަޗާ މިތަނުން އަވަހަށް... ކައެގެ އެއްވެސް ކުށެއް ނެތް މިކަމުގަ..." އެމީހުންގެ ދެ ބައިވެރިން، އިމާދު އަދި ހަމްދާން ހައްޔަރުކުރުމުން ނަޒޭ އާއި ސިމައްޓެ ތިބީ ވަރަށް ހާސްވެފައެެވެ. އެމީހުން ތިބީ ސިމައްޓެ އުޅޭ ކުލީ ކޮޓަރީގައެވެ.

"މަށަށް ވެސް އަދަބު ލިބެން ޖެހޭނެ... މަ ވެސް އެކަމުގަ ބައިވެރިވިން" ނަޒޭ ބުނެލިއެވެ. ހަގީގަތުގައި އެރެއަށްފަހު ނަޒޭ އަށް ހަމަނިދި ނުލިބެއެވެ. ރަގަޅަށް ނުކެވެއެވެ. އަބަދުމެ ކަންފަތްބުޑުގައި ހިފާލައިފައި ހުންނަނީ އެވޭންދެނިވި އަޑެވެ.

"ކައެ އެކަން ކުރީ މަ ކައެއަށް ނުކެރޭނޭ ބުނީމަ... އެހެން ނޫނަސް ކައެ އޮތީ ހަމައެކަނި ފައިގަ ހިފަހައްޓައިގެން... ދޭބަލަ މިތާ ކައިރި ރަށަކަށް ވިޔަސް..." ސިމައްޓެ އަދިވެސް ނަޒޭ އަށް ވިސްނައިދެވޭތޯ އުޅުނެވެ.

"ކައެ ވެސް ހިނގާ މަށާ އެކީ..." ނަޒޭ އެންމެފަހުން ބުނެލިއެވެ.

"އުނހުނ... އަހަރެމެން މީ ރައްޓެހިންނަށް ދޯކާ ދޭ ބައެއް ނޫން... އަހަރެމެން ދެގޮލާ ފިލައިފިއްޔާ އިންމަ އާ ހަމޭ އެކަނިވާނެ... ކައެ ފިލާ ދުވަސްކޮޅަކަށް... ކައެ ތީ އަހަރެމެންހާ ނުބައި މީހެއްވެސް ނޫން ކިތަންމެ ބޭޑު ވާން އުޅުނަސް... މަ ބޭނުމެއްނޫން ކައެ ނުކުރާ ކަމަކު ބާނުވާލާކަށް... މަގޭ ބައްޕަ އަހަރެމެން ނެރޭނެ ދެތިން އަހަރު ފަހުން... ބައްޕަގެ ޕަވަރ އޮންނާނެ... އެކަމާ ހާސްނުވެ އަވަސްވީގޮތަކުން ފިލާ... މަ ކައިރީ ވެސް ނުބުނާތި ދާތަނެއް އިނގޭ..." ނަޒޭގެ ކޮނޑުގައި ޖަހައިލަމުން ސިމައްޓެ ބުނެލިއެވެ. ނަޒޭ ވިސްނައިލުމަށްފަހު ބޯ ޖަހައިލިއެވެ. އަދި ދާން ހިނގައިގަތެވެ.

ހަމަ އެރޭ ޚަބަރުތަކުގެ ފަލަ ސުރުޚީގައި އޮތީ ޝައިލާ ރޭޕް ކޭސްގައި ބައިވެރިވި ތިން ވަނަ މީހާ ހައްޔަރުކުރި ވާހަކައެވެ. އެޔާއި އެކީ ދިވެހި ފުލުހުންނަށް އާންމުންގެ ތަޢުރީފު އޮހެން ފެށިއެވެ.

ހަތަރުވަނަ މީހާ އަކީ ކާކުކަން އެއްވެސް ލީޑަކުން ނޭންގުނެވެ. ސީސީޓީވީ ފުޓޭޖްތަކާއި، އެމީހުން އެހިސާބުން ދުށް މީހުންގެ އެހީގައި އިމާދު އަދި ހަމްދާނު ހައްޔަރުކުރެވުނީ ވަރަށް ފަސޭހައިންނެވެ. ސަބަބަކީ އެ ގުރޫޕަކީ އަބަދުމެ އެ ސަރަހައްދުގައި ތިބޭ ގުރޫޕަކަށް ވާތީއެވެ. އަދި އެ ހިސާބުން ހިނގާ އަންހެން ކުދިންނާއި ފޮށެ، ޖެއްސުންކޮށް ވެސް ގިނައިން ހަދާނީ އިމާދު އަދި ހަމްދާން އެވެ. ސިމައްޓެ އަކީ އެމީހުން ލައްވައި ހުރިހާ ނުބައި ކަމެއް ކުރުވަން ހުންނަ މީހާއެވެ.

އެމީހުންގެ ޝަރީއަތް ނިމި ތިން މީހުންވެސް 15 އަހަރަށް ޖަހަށްލާން ޙުކުމް ކުރެވުނެވެ. ތިން މީހުން ވެސް ޝައިލާ ރޭޕްކުރި ކަމަށް އެއްބަސްވިއެވެ. ނަމަވެސް ހަތަރުވަނަ މީހަކީ ކާކުކަން އެކަކުވެސް ނުބުނެއެވެ. އެމީހުން ބުނަމުން ދިޔައީ އެކަންކުރީ ތިން މީހުން އެކަނި ކަމަށެވެ. އެހިސާބުގައި ހުރި ސީސީޓީވީ ފުޓޭޖުން ދައްކާގޮތުގައި، ގަދަކަމުން ޝައިލާ އެ ގޭތެރެއަށް ވައްދަން އުޅުނީ ތިންމީހުން ނަމަވެސް އެކަކު ފަހަތުން އެތަނަށް ވަދެއެވެ. ޝައިލާ ވެސް ބުނެފައި ވަނީ އެކަން ކުރީ ހަތަރު މީހުން ކަމުގައެވެ. ހަތަރުވަނަ މީހާގެ ވާހަކަ އޮބުނީ ކިހިނެއް ކަމެއް ވެސް ނޭންގެއެވެ.

ފަސް އަހަރު ފަސް

"ނަޒާން... ނަޒާން" ސިއްސައިގެން ގޮސް ނަޒާނަށް ހޭލެވުނީ މީހަކު މާވަރަކަށް ކޮލުގައި ކޮށްޓާހެން ހީވުމުންނެވެ. ލޯހުޅުވައި ބަލައިލުމަށްފަހު ވީ ފޫހިން އަނެއް ފަރާތަށް އެނބުރި މޫނުމަތީގައި ބާލީސް އަޅައިލިއެވެ.

"ޒާން ތެދުވެބަލަ މަ ކެފޭއަށް ގެންގޮސްދެން ޕްލީޒް" ނުހާ ބުނެލީ ވަރަށް އާދޭހާއެކުއެވެ.

ނުހާ އަކީ ނަޒާން މަންމަގެ ވަރަށް ގާތް ރައްޓިއްސެއްގެ ދަރިއެކެވެ. ރަށުން ސުކޫލު ނިންމުމަށްފަހު ނުހާ މާލެ އައީ އިތުރަށް ކިޔަވަން ބޭނުންވާތީއެވެ. މިހާރު ނުހާ އެގޭގައި އުޅޭތާ ތިން އަހަރުވީއެވެ. ޑިޕްލޮމާ ނިންމުމަށްފަހު ނުހާ މިހާރު ދަނީ ވަޒީފާއަށެވެ. އިތުރަށް ކިޔަވަން ފައިސާ އެއްކުރުމުގެ ބޭނުމުގައެވެ. ނުހާ އެގޭގައި އުޅެމުން ދިޔައީ އަމިއްލަ ގެ ފަދައިންނެވެ.

"އޭ ނުހާ އާދެ މަ ގެންގޮސްދޭނަން" ކޮޓަރިއަށް ބޯ ދިއްކޮށްލަމުން ނަހުޒާން ބުނެލިއެވެ. ހަމައެއާއި އެކީ ނަޒާން އެނދުމައްޗަށް ކޮޅަށް ޖެހުނެވެ.

"އަހަރެން ދާނަމޭ" ނަހުޒާންގެ މޫނަށް ބަލައިލަމުން އެހެން ބުނެލުމަށްފަހު ނަޒާން ފާހާނާއަށް ވަނެވެ. ނަހުޒާން އަނގަޔަަށް ވައްތަރެއް ޖައްސައިލުމަށްފަހު ދާން ހިނގައިގަތެވެ.

"ޒާން ކީއްވެތަ ދޮންބެއަށް އެހާ ހޭޓް ކުރަނީ؟" ނުހާ އަހައިލިއެވެ. ނުހާ އޭރު ހުރީ ޑްރެސިންގ ޓޭބަލް ކައިރީއެވެ. ނަޒާން ގެންގުޅޭ ސެންޓުފުޅިތަކުން ވަސްބަލަން ހުރި ނުހާ އޭރު ހުރީ ނަޒާނަށް ބަލާށެެވެ.

"ދެން ހުރިހާ ކަމަކާ ނުވެބަލަ... މިގެއިން ދާކަށް ނުވޭތަ އަދިވެސް؟" ޓީޝާޓު ބޮލުން ވައްޓައިލަމުން ނަޒާން އަހައިލިއެވެ.

"އާނ... އަހަރެން މިއައީ ނަޒާން އާ އިންނަން ވެގެންނޭ..." ވަރަށް ފުންކޮށް ނަޒާންގެ މޫނަށް ބަލައިލަމުން ނުހާ ބުނެލިއެވެ. ނަޒާނަށް އެކަން ވީ މަޖަލަކަށެވެ.

"އޭ މީ ހާދަ ލޯބި ކެވެލިކޮޅެކޭ.." ވަތްގަނޑުތެރޭ އޮތް ކެވެލިކޮޅު ނަގަމުން ނުހާ ބުނެލިއެވެ. އެޔާއި އެކީ ނަޒާންގެ ހިތައް ހީވީ ކައްޓެއް ހެރުނު ހެންނެވެ. ދުވެލާފައި ގޮސް ނުހާ އަތުން ކެވެލިކޮޅު އަތުލިއެވެ.

"އަތްނުލައްޗޭ މީހުން ގެންގުޅޭ އެއްޗިހީގަ... ދޭ ބޭރަށް މިދަނީ..." ނުހާއަށް ލޯ އަޅައިލަމުން ނަޒާން ބުނެލިއެވެ. ސިއްސައިގެން ދިޔަ ނުހާ، ނަޒާންގެ މޫނަށް ބަލައިލުމަށްފަހު އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. ނުހާ ދިއުމުން ނަޒާން ކެވެލިކޮޅަށް ބަލައިލިއެވެ. އަދި މުށުތެރޭގައި ފޮރުވައިލުމަށްފަހު މޭގައި ޖައްސައިލިއެވެ. އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު ވަތްގަނޑު ތެރެއަށް ކެވެލިކޮޅު ލުމަށްފަހު ދާން ހިނގައިގަތެވެ.

"ޒާން މިހާރު ބޯކޮށާފަ ހުންނާތީ ވަރަށް ލޯބި" ސައިކަލު މަތީ އިނދެ ނުހާ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ނަޒާން އިނީ އެއްވެސް ބަހެއް ނުކިޔައެވެ.

"ދެން ޒާން ވަރަށް ފޫހިވޭ ތިވައްތަރަށް އުޅޭތީ ހަމަ ހުވާ" ނުހާ މިހެން ބުނެ ނިމުންއިރު އެމީހުންނަށް ތިބެވުނީ ނުހާ މަސައްކަތްކުރާ ކެފޭ ދޮރުމަތީއެވެ.

"މީހުންގެ އެއްޗިއްސާ ނުކުޅެއްޗޭ" ނުހާގެ މޫނަށް ބަލައިލަމުން ނަޒާން ބުނެލިއެވެ. އަދި ސައިކަލު ދުއްވައިލިއެވެ. ނަޒާން ރުޅި އައިސްފައި އެހުރީ އެ ކެވެލިކޮޅުގައި އޭނާ އަތްލީމައި ހެއްޔެވެ؟ އެހެން ވެއްޖެނަމަ އެ ކެވެލިކޮޅުގެ ހަގީގަތް ހޯދަން ނުހާ ވަރަށް ބޭނުމެވެ.

***

ބަރު ޓްރޮލީ ކޮށްޕަމުން ބޭރަށް ނިކުތް ދެ އަންހެން ކުދިންނަށް ބަލައިލުމަށްފަހު ސަމާހް ހީލިއެވެ. އަވަހަށް ދުވެލާފައި ގޮސް ޓްރޮލީ އަތުލިއެވެ.

"މާތްކަލާކޯ މުޅި މެލޭޝިޔާ ކޮނޑު އަޅައިގެންތަ ދެމީހުން ތިއައީ؟" ޓްރޮލީ ކޮށްޕައިލަމުން ސަމާހް ބުނެލިއެވެ.

"އާނ މީ މަގޭ ފޮށި... ދެން މިހުރީ ހުސް ޝައިގެ އެއްޗިހި" އެންމެ ކުޑަ ފޮށި ދައްކައިލަމުން ސުމާ ބުނެލިއެވެ. ޝައިލާ ހީލިއެވެ.

"ޝައި ކޮބާ ދަތުރު ކިހިނެއް؟" ސަމާހް އަހައިލިއެވެ. ވަރަށް މަޑުމަޑުން ރަގަޅޭ ޝައިލާ ބުނެލިއެވެ.

ފޮށިތައް ދަމަމުން ގެއަށް އައިސް ވަތް މީހުން ފެނިފައި ޝާއިރާ އާއި ހަލީމް އަވަހަށް ދޮރު ކައިރިއަށް ދުއްވައިގަތެވެ.

"ޝައިލާ މަގޭ ދަރިފުޅު" ޝައިލާ ފެނުމުން ޝާއިރާ އުފަލުން ރޮވުނެވެ. ހަލީމް ވެސް އައިސް ޝައިލާގެ ގައިގައި ބައްދައިލިއެވެ. ކައިރީ ހުރި ސުމާ ކަރުކެހެލިއެވެ.

"މަ މީ އުފަން ދަރިޔޯ އެކަމަކު" ދެރަވާކަން ދައްކައިލަމުން ސުމާ ބުނެލިއެވެ. ޝާއިރާ، ސުމާ ގައިގައި ވެސް ބައްދައިލިއެވެ.

ގޭތެރެއަށް ވަދެގެން އައި ޝައިލާ ދިޔައީ ކޮޅުކޮޅު ބަލަމުންނެވެ. މި ވޭތުވެދިޔަ ފަސް އަހަރުތެރޭ މުޅި ހަޔާތް ބަދަލުވިއިރު، މި ގެއަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ލޯބިވާ މަންމަ އާއި ބައްޕަ މިގޭތެރެ ބެލެހެއްޓި ގޮތާއި މުޅިން ތަފާތެވެ. މިއީ ޝައިލާ އުޅެ ބޮޑުވި ގެއެވެ. ނަމަވެސް މިއަދު މިގެ މިވަނީ މުޅިން ބީރައްޓެހި ވެފައެވެ.

އެތައް ދުވަހަކަށްފަހު މި ފަސްގަނޑުގައި ފައި ޖެހުމުން ޝައިލާ ހުރީ ހިތް ނުތަނަވަސްވެފައެވެ. އެރޭގެ އެ ބިރުވެރިކަމާއި ނާމާންކަން ހިތައް ސިފަވަމުން ދިޔައެވެ. އެކަން ހަނދާން ނައްތާލައިގެން ލައްކަ ދުވަހު އުޅުނެވެ. ނަމަވެސް މިއަދު މި ފަސްގަނޑުގައި ފައި ޖެހުމުން އެ ހަނދާންތައް އާވާން ފަށައިފިއެވެ.

"ޝައި" ކާމޭޒު ކައިރީގައި އިން ޝައިލާ ސިއްސައިގެން ދިޔައީ ސަމާހް ގޮވައިލުމުންނެވެ. ބަތްތައްޓަށް ބަލަން ޝައިލާ އިންނަތާ މިހާރު އެތައް އިރެއް ވެއްޖެއެވެ.

"ޝައި ކަމެއް ގޯސްކޮށް އުޅެންޏާ ބުނައްޗޭ" ޝައިލާގެ ބޮލުގައި ފިރުމައިލަމުން ޝާއިރާ ބުނެލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް