‎ރައީސުލްޖުމްހޫރިއްޔާ ނ. މިލަދުއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މިލަދުއަށް މިއަދު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިލަދުއަށް ވަޑައި...

05 Sep 2019 | 05:47

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މިލަދުއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިލަދޫ ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައިދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިލަދޫ ހިޔާ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރުމަށް މިއަދު ބާއްވާ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިލަދޫ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެ އަތޮޅު މަގޫދޫ ކައުންސިލާ ބައްދަލުކޮށްލެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މި ބައްދަލުކޮށްލެއްވުން އޮންނާނީ މިލަދޫގައެވެ.

މިލަދުއަށްފަހު ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ނ. ކުޑަފަރިއަށެވެ. ކުޑަފަރީގައި އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ނ . އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ކުޑަފަރިއަށް ރައީސުލްޖުމްރިއްޔާ ކުރައްވާ މިދަތުރުފުޅުގައި އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް