ދިވެހިރާއްޖޭގެ ދީނީ ހުރިހާ ޢިލްމުވެރިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގެ އަރިހުގައި ސާބިތުވެ ތިއްބެވުމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާ ލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ރޭ ށ ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ފިތުނަވެރި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ އެބޭފުޅުން ހަލާކުވެގެން ނުދިޔުމަށް ޑރ.ޝަހީމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ޑރ.ޝަހީމް ވިދާޅުވީ އިސްލާމް ދީނާއި ޢަދާވަތްތެރި ބާރު ތަކުން ބޭނުންވަނީ ދީނީ ޢިލްމުވެރިންގެ ދުވަސް ދުއްވާލަން ކަމަށެވެ.
"ޢިލްމުވެރިންނަށް ގެއްލުންދޭން. އެއީ ރާވައިގެން ކުރާ ކަމެއް. އެކަމުގެ އަވާގައި ޢިލްމުވެރިން ޖެހި ޢިލްމުވެރިން ހަލާކުވެގެން ނުދިޔުމަށް އަޅުގަނޑު އިލްތިމާސް ކުރަން." ޑރ.ޝަހީމް ވިދާޅުވިއެވެ.
މިއަދު ފެންނަމުންދަނީ ދިވެހިރާއްޖޭގެ ބައެއް ދީނީ ޢިލުމުވެރިން އިދިކޮޅު އިއްތިހާދަށް ނަސްރު ދިނުމަށް މަސައްކަތް ކުރަމުންދާ މަންޒަރުކަމަށާއި ،ދީނާ ދައުލަތް ވަކިވެފައިވާ ސެކިޔުލަރ ދައުލަތަކަށް ދިވެހި ދައުލަތް ހެދުމަށް މަސައްކަތް ކުރަމުންދާ ބަޔަކަށް ދިވެހިރާއްޖޭގެ އިލްމުވެރިންގެ ތެރެއިން ބަޔަކު މީހުން އެހީތެރިވާން މިޖެހުނީ ކީއްވެތޯ ޑރ.ޝަހީމް ސުވާލު ކުރެއްވިއެވެ. އެކަމަކީ ވަރަށް ބޮޑަށް ސުވާލު އުފައްދާ ކަމެއްކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ.
ޑރ.ޝަހީމްގެ ވާހަކަފުޅުގައި ވަނީ މިސަރުކާރުން އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމް ދީން ކުރިއަރުވާ ދީނީ ތަޢުލީމް ކުރިއެރުވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެނަމަ މިތަން ބައިބައިވެގެން ދާނެ ކަމަށާއި ވެރިކަމުގެ ތެރެއިން ޕާޓީތައް އެއް ގަލަކަށް ނާރާނެ ކަމަށެވެ. މިހާތަނަށް މާޒީން ދައްކާފައިވަނީ އެކަން ކަމަށާއި ، އެމީހުންގެ ތެރޭގައި އޮންނަ ދެބަސް ވުމާއި ބައިބައި ވުމާއެކު މިޤައުމު ފަހަތަށް ދާނެކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް