މަންމާއެވެ. އަމިއްލައަށް އައިސް ފުލުހުންނާއި މި ހަވާލުވަނީ ގޮތް ހުސްވީމަކާ ނޫނެވެ. ރަހުމަތްތެރިން އެދުނުގޮތް ކަމުގައިވާތީއެވެ. އަދި އައިސް މި ހަވާލުވީވެސް އުފާވެރިކަމާއި ފަހުރުވެރިކަމާއެކުގައެވެ.
މަންމާއެވެ. ބަލާބަލާށެވެ. އަހަރެން ފުލުސް އޮފީހަށް ހަވާލުކޮށްދޭން އެއައީ އަހަރެންގެ ރަހުމަތްތެރީންނެވެ. އެ ރަހުމަތްތެރީން އެންމެ ފަހުވަގުތާއި ހަމައަށް ޖެހެންދެން އަހަރެންނަށް ދެމުން އެދަނީ ހިތްވަރެވެ. ކުރަމުން އެދަނީ ތައުރީފެވެ. ބުނަމުން އެދަނީ އުންމީދުގެ ފޮނި ބަސްތަކެވެ.
މަންމާއެވެ. މިއަދު އަހަރެން މިއިނީ އަނދިރި ކުޑަ ގޮޅިއެއްގައި އެކަންޏެވެ. ރަހުމަތްތެރިން ދިން ހިތްވަރުން ހިތްވަރުލިބި ކިތަންމެ "ކިކެއްގެ" މަތީގައި އިނަސް މި އަނދިރިކަން އަހަންނަށް ކަންތައްތަކެއް އެބަ ހަނދާންކޮށްދެއެވެ. އެއީ މާޒީގެ ސޮފްހާތަކެވެ. ކުޑައިރުގެ ހަނދާންތަކެވެ. މަންމައާއި ބައްޕައާއި އާއިލާ އާއި އެކުގައި ހޭދަކުރި ދުވަސްތަކެވެ.
މަންމާއެވެ. ކުރިން އަހަންނަކީ ވަރަށް ބަސް ގިން ކުއްޖަކީމެވެ. މަންމަ ބޮލަށް އުނދަގޫވާވަރަށް ސުވާލު ކުރެވުނުދޯއެވެ. ނަމަވެސް މަންމަގެ ފަރާތުން އެ ސުވާލުތަކަށް ޖަވާބު ނުލިބެން ފެށުމުން ސުވާލުކުރުން ހުއްޓާލީމެވެ. އަދި ސްކޫލުގައިވެސް ސުވާލު ކުރުން ހުއްޓާލީމެވެ. މަންމަ ފަރާތުން ޖަވާބު ނުލިބޭހިނދު ޓީޗަރުން ފަރާތުން ޖަވާބު ލިބޭނެކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ.
ސްކޫލު ނިންމާފައި ގެއަށްދާއިރު ބައްޕަ އުޅޭނީ ޑިއުޓީގައެވެ. މަންމަ އޮންނާނީ އެނދުމަތީގައި ފޯނު ހިފައިގެންނެވެ. "އެހެރީ ކާން ހަދާފައޭ ކާށޭ" ބުނުން ފިޔަވާ މަންމަ ދައްކާކަށް ވާހަކައެއް ނޯވެއެވެ. ސުކޫލުން ފިލާވަޅެއް ދިންތޯ، ކިޔަވާދިނީ ކޯއްޗެއްތޯ އަހާކަށްވެސް މަންމަ ބޭނުމެއް ނުވިއެވެ. ދުނިޔަވީ ކަންކަމުގައި މަންމަ މާ ބިޒީ ދޯއެވެ.
ބަސް ގިނަ އަހަރެން ބަސް މަދުވެ ގަބު ވާން ފެށީ ކުލާހުގެ ޓީޗަރުންނަށްވެސް އަހަރެން މުހިންމު ނުވާން ފެށުމުންނެވެ. އެއީ ފިލާވަޅު ނަހަދާތީއެވެ. ކުލާހުގައި ދެން ތިބި ކުދިންނަށްވެސް އަހަރެން ވަމުންދިޔައީ ޖޯކަކަށެވެ.
ބައްޕަގެ ކަމަކީ ވަޒީފާއިން ކޮފީއިން ދުއްވުމެވެ. ސްކޫލަށް ބޭނުންވާ އެއްޗެއް އޮތްތޯ ނާހާ ވާހަކައެއް ނޫނެވެ.
މަންމާއެވެ. ސްކޫލުން ރައްޓެހިންތަކަކާ ދިމާވިއެވެ. އެކަމަކު އެނގޭހެއްޔެވެ. އެ ރައްޓެހިން މަންމައާއި ބައްޕައަށްވުރެ ރަނގަޅެވެ. ހާލު އަހައެވެ. އެކުގައި ގިނަ ވަގުތު ހޭދަކުރެއެވެ. ހީ ސަމާސާކޮށް ހަދައެވެ. އަހަރެން ސިނގިރޭޓު ބޯން ފެށުމުން އެ ރަހުމަތްތެރިން އަހަންނަށް މެޑަލް އެއް ދިންފަދައެވެ. އަހަންނަކީ ވަރަށް ގަދަ މީހެއްގެ ގޮތުގައި އެ ރަހުމަތްތެރިން ދެކެއެވެ.
ނުބައި ކަންކަމުގެ ޗޭނަށް އިތުރުވާ ކޮންމެ ބޮޅަކުން ގޭންގު ތެރޭގައި އަހަރެންގެ ލެވެލް ދިޔައީ މަތިވަމުންނެވެ. މަންމާއެވެ. އެނގޭހެއްޔެވެ. މިއަދު އަހަރެން މިހުރީ ލީޑަރު ލެވެލްގައެވެ. ފުރަ މާލޭގައި ނެތްވަރުގެ ބިރުކުޑަ މީހަކީމެވެ. ފައިސާ އާއި އަންހެންކުދިންނާއި ބޯނެ ވަރަކަށް ބޯނެ މަސްތުވާތަކެތި ލިބެއެވެ.
މިއަދު މި ގޮޅީގައި އިނަސް އަހަންނަށް ޔަގީން ކަށަވަރުވާ އެއް ކަމެއް އެބަ އޮތެވެ. އެއީ އަހަރެންގެ މައްޗަށް ކަމެއް ސާބިތު ނުވާނެކަމެވެ. މާދަމާ އަހަރެން ހުންނާނީ މިނިވަނެއްގެ ގޮތުގައި ކަމެވެ. އަދި ރަހުމަތްތެރިން އަހަރެން ގާތުގައި ތިބޭނެކަމެވެ. "އޭޝޯ އަރާމް" ތާ އަބަދަށް ލިބެމުންދާނެކަމެވެ.
މަންމައާއި ބައްޕަ ދެރަ ނުވާށެވެ. މަންމަ ފޯނަށް ގެނބި އޮންނާށެވެ. ބައްޕަ އެއް ކޮފީން އަނެއް ކޮފީއަށް ދުއްވާށެވެ.
ނޯޓް: މިއީ ހިޔާލީ ލިޔުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް