ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދުގެ، ސަރަހައްދީ ފުޓްބޯޅަ މުބާރާތް "ސާފް ޗެމްޕިއަންޝިޕް" މިއަދު ފެށޭނެއެވެ. ސާފް ސުޒުކީ ކަޕްގެ ނަމުގައި މިހާރު މި މުބާރާތް ބާއްވާއިރު، މި އަހަރުގެ މުބާރާތް އޮންނަނީ ބަންގްލަދޭޝްގައެވެ.
މި ރިޕޯޓްގައި ބަލާލާފައިވާނީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ 7 ގައުމުގެ ގައުމީ ޓީމްތަކަށް އިރުޝާދުދޭ ކޯޗުންގެ ތެރެއިން ގްރޫޕް ބީ ގައި ހިމެނޭ 3 ޓީމްގެ ކޯޗުންނާ ބެހޭ މުހިންމު މަޢުލޫމާތުތަކަށެވެ.
އިންޑިޔާ
އިންޑިޔާގެ ގައުމީ ޓީމްގެ ކޯޗަކީ ސްޓެފަން ކޮންސްޓެންޓައިން އެވެ. މިއީ އޭނާ އިންޑިޔާގެ ޓީމަށް އިރުޝާދު ދޭ ދެ ވަނަ ފަހަރެވެ. 2015 ވަނަ އަހަރުން ފެށިގެން ސްޓެންޓައިން އިންޑިޔާގެ ކޯޗުގެ މަގާމުގައި ހުރިއިރު، އޭނާ ވަނީ އިންޑިޔާގެ ގައުމީ ޓީމާއެކު ބަލިނުވެ ޖެހިޖެހިގެން 14 މެޗު ހަމަކުރުމުގެ ރެކޯޑެއް ހަދާފައެވެ. އޭނާގެ އިރުޝާދުގެ ދަށުން އިންޑިޔާ ވަނީ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އަދި މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޓަކޮންޓިނެންޓަލް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި އިންޑިޔާ މިހާރު ވަނީ އޭޝިއަން ކަޕަށް ވެސް ކޮލިފައިވެފައެވެ.
ސްރީލަންކާ
ނިޒާމް ފަކީރް އަލީ ސްރީލަންކާގެ ގައުމީ ޓީމާ ހަވާލުވީ މި އަހަރުގެ ކުރީކޮޅުގައެވެ. ސްރީލަންކާގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅެފައިވާ ނިޒާމް ވަނީ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ޓީމް ބީޖޭއެމްސީ އަށް 2015 ވަނަ އަހަރު ކޯޗެއްގެ ގޮތުގައި އިރުޝާދު ވެސް ދީފައެވެ. އޭގެ ކުރިން އޭނާ ވަނީ ޝެއިޚް ޖަމާލް ދަންމޮންޑީ ކްލަބަށް ބަންގްލަދޭޝް ލީގު ވެސް ކާމިޔާބު ކޮށްދީފައެވެ. އެއީ 2011 ވަނަ އަހަރުގައެވެ.
ދިވެހިރާއްޖެ
ކްރޮއޭޝިއާއަށް އުފަން ޖަރުމަނުގެ ކޯޗު ޕީޓާ ސެގާޓް ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ މި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެއީ އޭރުގައި ހުރި ކޯޗު ޑަރެން ސްޓެވާޑް މަގާމުން ވަކިކުރުމުންނެވެ. އުމުރުން 52 އަހަރުގެ ސެގާޓް މީގެ ކުރިން ވަނީ ޖޯޖިއާ އަދި އަފްގާނިސްތާންގެ ގައުމީ ޓީމަށް ކޯޗެއްގެ ގޮތުގައި އިރުޝާދު ދީފައެވެ. އޭނާ މި ސަރަހައްދުގެ ފުޓުބޯޅާގައި ބޮޑަށް ފާހަގަ ކުރެވުނީ އަފްގާނިސްތާނާއެކު ކުރި މަސައްކަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް